ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް، ނުވަތަ ޕީކާ ދިމާކޮށް ކަރަންޓު ނުކެނޑި ޚިދުމަތް ދެވޭނެ ހުރިހާ ގޮތެއް ހޯދަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ހޫނު މުސުމަށް ސްޓެލްކޯއިން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ފަހުމީ ވިދާޅުވީ، ޖުމްލަގޮތެއްގަ ކެޕޭސިޓީ މިވަގުތު ސްޓެލްކޯގައި އެބަހުރި ކަމަށެވެ.
“ މި އަންނަ ޕީކު ސީޒަނަށް އަދި އެ ޕީކް މި އަހަރު، މި ސީޒަންގަ އަޅުގަނޑުމެންނާ މި ދިމާވަނީ ރޯދަ މަހާ ދިމާކޮށް. އެހެންވީމާ އަޅުގަނޑުމެން ޚާއްސަ ފިޔަވަޅުތަކެއް އެބަ އަޅަން “ ފަހުމީ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، އިތުރު ޕަވަރ ޕްލާންޓްތައް އިންސްޓޯލް ކުރަމުންދާ ކަމަށާއި އަދި ނެޓްވަރކަށްވެސް މިވަގުތު ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ.
ސްޓެލްކޯ އެމްޑީ ފަހިމީ ވިދާޅުވީ، މާލޭގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރތަކަށް ކަރަންޓު ލިބޭވަރަށް މާލޭގަ ބެކްއަޕެއް ހުންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެންވީމާ މުސްތަޤުބަލްގަ ވެގެންދާނީ މާލޭ ޕަވަރ ޕްލާންޓަކީ ނުހިންގާ ޕަވަރ ޕްލާންޓަކަށް ކަމަށެވެ.
އެހެންނަމަވެސް ބެކްއަޕެއްގެ ގޮތުގަ ބޭނުންކޮށްފަ ހުޅުމާލެ ނުވަތަ ތިލަފުށި ކަހަލަ ތަނެއްގަ ބޮޑު ޕަވަރ ޕްލާންޓެއް އަޅައިގެން ޕަވަރ އިންޕޯޓްކޮށްގެން ޑިސްޓްރިބިއުޓް ކުރާކަހަލަ ނިޒާމެއް އެސްޓެބްލިޝް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
![ad image](https://hiraas.com.mv/admanager/upload/ads_8.gif)