މިއަހަރުގެ ޙަައްޖު މޫސުމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރަންދާ މީހުންނަށް ހިލޭ ޙަައްޖުގެ އަޅުކަން ކުރަން ފުރުސަތު ދޭނެކަމަށް ޙަައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދާ މީހުންނަށް ހިލޭ ސާބަހަށް އެހީތެރިވެދޭ މީހުންނަށް އިނާޔަތްތަކެއް ލިބޭނެކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ގޮސްތިބި އެތައްސަތޭކަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުން ލިބެ ހެޔޮ ދަރުމައާއި ސަވާބުގެ އިތުރުން ހިލޭ ޙައްޖުގެ މާތް އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބޭނެކަމަށް ޝަކީލް ވަނީ ވިދާޅުވެފަ އެވެ.
ޝަކީލްގެ މި ޕޯސްޓަށް މިހާރުވެސް ގިނަ ބަޔަކު ދަނީ ހިލޭ ސާބަހަށް ޙައްޖުގައި މަސައްކަތްކުރަން ބޭނުންވާ ކަމަށް ބުނެ ޝައުގުވެރިކަން ފާޅުކޮށް ކޮމެންޓް ކުރަމުންނެވެ.
ޙައްޖު ކޯޕަރޭޝަނުން ދާދިފަހުން ވަނީ ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް އިއުލާންކޮށްފަ އެވެ.
އެގޮތުން ޙައްޖުގައި އެހީތެރިންގެ ގޮތުގައި ދާން ބޭނުންވާ މީހުން އެކަމަށް އެދި މިމަހުގެ 13 ވަނަދުވަހުގެ 14:00ގެ ކުރިން ހުށައަޅަންޖެހެއެވެ. މިކަމަށް އެދި ހުށައަޅާނީ ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު މެދުވެރިކޮށެވެ.
މި ފޯމް ޙައްޖު ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.