- Advertisement -ad image

ކެންދޫ ސްކޫލް ޕީޓީއޭގެ “ޖަޑުޖަޑު ފެއާ” އިން ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދާ، އެންމެން ހައިރާންކޮށްލައިފި!

ad image

ގުޅުންހުރި ލިޔުންތައް

ބ. ކެންދޫ ސްކޫލްގެ ޕީޓީއޭ އިން އިސްނަގައިގެން ޖަޑުޖަޑު ފެއާގެ ނަމުގައި ކުރިއަށް ގެންދިޔަ ފަންޑްރެއިޒިން އިވެންޓް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

ކޮންމެ އަހަރަކުވެސް ސްކޫލް ދަރިވަރުންނާއި ގުޅޭ އެކި ހަރަކާތްތަކަށް ކެންދޫ ސްކޫލުން ޕީޓީއޭއިން ފަންޑްރެއިޒިން އިވެންޓްތައް ބާއްވަ އެވެ. 

އެހެންނަމަވެސް 3 ފެބްރުއަރީ ވީ، ހޮނިހިރު ދުވަހު ނިންމާލި ޖަޑުޖަޑު ފެއާ އަކީ މިހާތަނަށް ހިންގުނު އެންމެ ކާމިޔާބު އިވެންޓްކަމަށް ކަމަށް ކެންދޫ ސްކޫލްގެ ލީޑިން ޓީޗަރ އަދި މި ފެއާގެ އިންޗާޖު ޝިފާޒާ އަބްދުލް ސަމަދު ވަނީ ވިދާޅުވެފަ އެވެ.

ޖަޑުޖަޑު ފެއާ އިންތިޒާމްކުރީ ކެންދޫ ސްކޫލްގެ ޕީޓީއޭއިން ކަމުގައި ވީ ނަމަވެސް މި ފެއާގައި ގާތްގަނޑަކަށް އެރަށުގެ ހުރިހާ ރައްޔިތުންވެސް ވަނީ ބައިވެރިވެފަ އެވެ. އޭގެތެރޭގައި ރަށުގެ ތަޖުރިބާ ހުރި ދޮށީ އުމުރުގެ ފަރާތްތަކާއި ސްކޫލްގެ ޓީޗަރުންނާއި، ސަޕޯޓް ސްޓާފުންނާއި ބެލެނިވެރިންގެ އެހީތެރިކަން ކެންދޫ ސްކޫލް ޕީޓީއޭގެ ނައިބު ރައީސާ މުޝީރާ އާމިރު ވަނީ ފާހަގަކުރައްވާފަ އެވެ. 

މި ފެއާއަށް ތަކެތީގެ އިތުރުން ފައިސާގެ ގޮތުންވެސް ވަނީ ބޮޑު އެހީތެރިކަމެއް ލިބިފަ އެވެ.

އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ފެއާއިން ޖުމްލަ 162،092.33 ލިބިފައިކަމަށް ޝިފާޒާ ވަނީ ވިދާޅުވެފަ އެވެ. އޭގެތެރެއިން 78،059 ރުފިޔާ އަކީ އެހީގެ ގޮތުގައި ލިބުނު ފައިސާ އެވެ.

މި ފެއާއިން ލިބުނު ފައިސާ ހޭދަކުރަން ހަމަޖެހިފައިވަނީ ދަރިވަރުންނާއި ގުޅޭ އެކި ކަހަލަ ހަަރަކާތްތަކަށް ކަމަށް ޝިފާޒާ ވަނީ ވިދާޅުވެފަ އވެެ.

ޖަޑުޖަޑު ފެއާގައި ވިއްކާފައި ވަނީ އެކި ބާވަތް ބާވަތުގެ ކާބޯތަކެއްޗެވެ. މީގެތެރޭގައި ފާސްޓް ފުޑް އިން ފެށިގެން ދިވެހިންގެ ތެރޭގައި މަޤްބޫލް އެހެންނަމަވެސް މިޙާރު މަދުން ފެންނަ ބާވަތްތަކެއް ކަމަށްވާ ބިންބި ބޮނޑި އާއި ތެލަބަޑި ވެސް ވަނީ މި ފެއާގައި ވިއްކާފަ އެވެ.

ދިވެހި ކެއުންތައް ތައްޔާރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ކެންދޫގެ ދޮށީ އުމުރުގެ މީހުންނެވެ.

މި ފެއާގައި ކެންދޫގެ ކުދި ބޮޑެތި ރައްޔިތުންގެ އިތުރުން ކައިރި ރިސޯޓުތަކުންނާއި އެ ރަށުގެ ގެސްޓް ހައުސްތަކުގައި ތިބި ފަތުރުވެރިންވެސް ވަނީ ބައިވެރިވެފަ އެވެ. 

ޝިފާޒާވަނީ ކުރިއަށް އޮތްތަނުގައި ވެސް ޕީޓީއޭއިން އިސްނަގައިގެން މިފަދަ ހަރަކާތްތައް ބޭއްވުމަށް ނިންމާފައިވާކަމަށް ވިދާޅުވެފަ އެވެ.

“ދެން ޑިނާ ނައިޓެއް ބޭއްވުމަށް ބޮޑަށް މި ރާވަނީ” ޝިފާޒާ ވިދާޅުވެފައި ވެއެވެ.

ޖަޑުޖަޑު ފެއާ މިހާ ކާމިޔާބުގޮތެއްގައި ނިންމާލެވުނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކުގައި ކަން ޝިފާޒާވަނީ ފާހަގަކުރައްވާފަ އެވެ. އަދި ޙާއްސަކޮށް ރަށު ސްކޫލްގެ ފިރިހެން ބެލެނިވެރިންގެ ފަރާތުން މިކަމަށް ލިބުނު އެއްބާރުލުން ޝިފާޒާ ވަނީ އުފަލާއެކު ފާހަގަކުރައްވާފަ އެވެ.

“މިއީ ޕީޓީއޭ އިން ހިންގި އެންމެ ފުރިހަމަ، އެންމެ ކާމިޔާބު ހަރަކާތް”.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ