ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ގޯތި ނުވަތަ ފްލެޓް ލިބޭނީ މާލެ ސަރަޙައްދުން އެކަނި ނޫންކަމަށާއި، އޭގެ ބަދަލުގައި އެ މީހަކު މަސައްކަތް ކުރާ ސަރަޙައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ވަކި އިންސައްތައެއް އެމީހުންނަށް ކަނޑައަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރީންގެ ހިޔާވަހިކަމާ ގުޅޭގޮތުންނާއި އެ ސިނާޢަތުގެ މަސައްކަތްތެރީންގެ މަޝްވަރާ ސަރުކާރުން ހޯދުމާ ގުޅޭގޮތުން، އާންމުގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދަވާ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގެ ތެރެއިން ރ. މީދޫ، ނަރުގިސް، ޠާހާ ޙުސައިން ކުރި ސުވާލުް ޖަވާބުދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެންމެ އަވަހަށް ފަށާ ހައުސިންގ މަޝްރޫޢުއިން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ޚާއްސަކުރައްވާނެކަމަށެވެ.
އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުން، ޚާއްސަކޮށް އެ ސިނާއަތުގައި މަސައްކަތް ކުރާ ޒުވާނުންނަކީ ސަރުކާރުން ވަރަށް އިސްކަން ދޭނެ ބައެއްކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވަނީ އެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ ޚިޔާލާ މަޝްވަރާއާއެކުކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދައިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސޯޝަލް ހައުސިންގ ސްކީމްގެ ތެރެއިން ޚާއްސަކުރުމާ ގުޅޭގޮތުން އޮނިގަނޑު ފާސްކޮށްފައިވާކަމަށެވެ. އެ އޮނިގަނޑުގެ މައްޗަށް ބިނާކޮށް ފަތުރުވެރިކަމާ ގުޅޭ އެކި ޖަމިއްޔާތަކާއި ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މަޝްވަރާއާއެކު ކެޓަގަރީތަކާއި ޕޮއިންޓް ދޭނެ ގޮތްތައް ކަނޑައަޅުއްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން އެންމެ އަވަހަށް ފަށްޓަވާ ހައުސިންގ މަޝްރޫޢުގެ ތެރެއިންވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ ފުރުޞަތު ލިބޭނެކަމަށެވެ. އަދި މިއަހަރުގެ ތެރޭ އެ ފުރުޞަތު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބުމަކީ ކުރެވޭ އުއްމީދެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވެއްޖިއްޔާ ކިތައްމެ ހާވެސް ރަނގަޅު ދޮން ކަލޯ.