ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް އެޓަރނީ ޖެނެރަލް އަހުމަދު އުޝާމު ވިދާޅުވެއްޖެއެވެ.
އުޝާމު “އެކްސް” ގައި ކުރި ޕޯސްޓެއްގައި މިގޮތަށް ވިދާޅުވީ ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފައިވުމުންނެވެ.
އުޝާމު ވިދާޅުވީ ގުޅިފަޅު ޕްރޮޖެކްޓަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެއް ކަމަށެވެ.
އަދި ގުޅިފަޅު ބިން ހިއްކުމުގެ 89 އިންސައްތަ ވަރު މިހާރު ނިމިފައިވާއިރު، މިމަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް އޭޖީ ވިދާޅުވިއެވެ.
ދައުލަތުގެ ފަރާތުން މިނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް މިހާރު ވާނީ ނިންމާފައި ކަމަށް އުޝާމު ވިދާޅުވިއެވެ.
ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެށްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދުވަސްވަރު ސިވިލް ކޯޓަށް ހުށަހެޅީ އާންމު ފަރާތަކުންނެވެ.
