އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1ގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ އަޑުއެއްސެވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރައީސް ވަނީ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް-2 ގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ވަނީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރަަން ބޭނުންވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 1ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވާފައެވެ.
މި ބައްދަލުވުން އޮންނާނީ މާދަމާ ރޭ 20:30ގައި ރެހެންދި ސްކޫލްގައެވެ.
ހުޅުމާލޭ ފޭސް 1ގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދައުވަތު ވަނީ އަރުވާފަ އެވެ.



