ތެލެސީމިއާ ޕޭޝަންޓުންނަށް ޚާއްސަކޮށްފައިވާ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނޭޝަނަލް ތެލެސީމިއާ ކޮންފަރެންސް 2024 ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައެވެ.
މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ހުސައިން ވިދާޅުވީ ތެލެސީމިއާ ޕޭޝަންޓުންނަށް ދެވޭ ސިއްހީ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.
އަދި ތެލެސީމިއާ ހޮސްޕިޓަލެއް އެޅުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން 71،000 އަކަފޫޓުގެ ބިމެއް ކަނޑައެޅުމާއި، އެ އަމާޒަށް ވާސިލުވުމަށް ޓަކައި މި ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ފަށާފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
“އަޅުގަނޑު މި ފުރުޞަތުގައި ދަންނަވާލަން ބޭނުންވަނީ، މި ހޮސްޕިޓަލަށް ބޭނުންވާ ފައިސާގެ އިންތިޒާމްތައް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް އެބަދޭ. އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެ، އިންޝާالله،” އޭނާ ވިދާޅުވި އެވެ.
ހުސައިން އިތުރަށް ވިދާޅުވީ ތެލެސީމިއާ ބަލީގެ ޝަރުތު ހަމަވާ މީހުންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ސަރުކާރުގެ ސްޕޮންސާޝިޕް ދިނުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދަވާފައިވާ ކަމަށެވެ.
މީގެ އިތުރުން ތެލެސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް އަށް އެސެސް ކުރުން ވެސް ސަރުކާރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާކޮށްފަ އެވެ.
ނޭޝަނަލް ތެލެސީމިއާ ކޮންފަރެންސް 2024 އަކީ ތެލެސީމިއާ ޕޭޝަންޓުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށާއި ތެލެސީމިއާ ކޮމިއުނިޓީއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މަގްސަދުގައި ބާއްވާ ގައުމީ ކޮންފަރެންސްގެ ތިން ވަނަ އެޑިޝަނެވެ.