ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމަށް، އެ ކެންޑިޑޭޓެއްގެ މަސްލަޙަތު ހިމެނޭ ކޮންމެ މަރުކަޒަކަށް ގިނަވެގެން އެއް މަންދޫބަކު އައްޔަން ކުރުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފި އެވެ.
މަންދޫބަކު ޢައްޔަންކުރުމުގެ ފުރުޞަތު އީސީން ހުޅުވާލާފައި ވަނީ، ،2024 ފެބުރުވަރީ 24 ވާ ހޮނިހިރު ދުވަހުގެ 15:00 އާ ހަމަޔަށެވެ.
އަދި ކޮންމެ މަރުކަޒަކަށްވެސް އައްޔަން ކުރެވޭނީ އެއް މަންދޫބުކަމަށް އީސީއިން ވަނީ ބުނެފަ އެވެ.
އެގޮތުން ކުރިމަތިލާ މަންދޫބުންގެ ކިބައިގާ ހުންނަން ޖެހޭ ޝަރުތަތކުގެ ތެރޭގައި:
18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޛުކުރެވެމުންދާ މީހެއް ކަމުގައި ނުވުން.
އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން.
ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް/ވެރިއެއް ކަމުގައިނުވުން.
ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައިނުވުން.
ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައިނުވުން.
ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައިނުވުން
ނުވަތަ އިންތިޚާބީ ކުށެއް ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން ހިމެނެ އެވެ.
މީގެއިތުރުން ކޮންމެ މަންދޫބަކަށް ވެސް އީސީން ދޫކުރާނީ ޑިޖިޓަލް ފާހެއް ކަމަށާއި، މަންދޫބުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުން އީސީން ކުރިއަށްގެންދާ މަޢުލޫމާތު ސެޝަން ފުރިހަމަކުރަންޖެހޭނެކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.
އީސީން ބުނީ މަންދޫބުންގެ ފޯމު ބަލައިގަންނާނީ އީ-މެއިލް މެދުވެރިކޮށް ނުވަތަ އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގެ ރިސެޕްޝަނުން 2024 ފެބުރުވަރީ 16 އިން 24 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 03:00 އަށް. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 ން މެންދުރުފަހު 03:00 އަށް. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 ން ހަވީރު 05:00 އަށް ކަމަށޭވެ.
އަދި މަންދޫބުންގެ ފޯމު މެއިލްކުރާނީ އީސީގެ [email protected] މެއިލަށް ކަމަށާއި، އެޕްލިކޭޝަން އީސީގެ ވެބްސައިޓް http://elections.gov.mv އިން ލިބޭނެކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ފޯމު ހުށަހެޅުމަށް ފަހު، 3004459 އަށް ގުޅުއްވާ މެއިލް އެ ކޮމިޝަނަށް ލިބިފައިވޭތޯ ކަށަވަރު ކުރެއްވުމަށް އީސީން ވަނީ އެދިފަ އެވެ.