ކޫއްޑޫގައި އިހުތިޖާޖު ކުރަމުންދާ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އަދި މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ބެއްލެވުމަށްޓަކައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމު މިހާރު ކޫއްޑޫއަށް ދަތުރުކުރައްވަމުންދާކަމަށް ވިދާޅުވެއްޖެ އެވެ.
މިފްކޯއަށް މަސް ގަތުމަށްފަހު ލާރި ނުދޭތާ ތިން މަސްވެފައިވާ ކަމަށް ބުނެ މަސްވެރިން މިއަދު ދަނީ ކޫއްޑޫގައި އިހުތިޖާޖު ކުރަމުންނެވެ. އިހުތިޖާޖު ކުރަމުންދާ ފަރާތްތަކުން ދަނީ މަސްވެރިންނަށް ލާރި ދޭ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ޔަގީންކުރެވޭނެ ގޮތެއް ނެތް ކަމަށް ބުނަމުންނެވެ.
މިކަމާއި ގުޅިގެން މިނިސްޓަރ ޝިޔާމް “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކޫއްޑޫގައި މަސްވެރިން މިވަގުތު ކުރަމުންދާ އިހުތިޖާޖުގެ ބައިވެރިންގެ ނުތަނަވަސް ކަމަކީ މިވަގުތު ސަރުކާރުން އެންމެ ކަންބޮޑުވާ އަދި އެންމެބާރަށް ހައްލު ކުރަން މަސައްކަތް ކުރަމުން ގެންދާ ކަންބޮޑުވުން ކަމަށް ވިދާޅުވެފަ އެވެ.
“މޮކްރެޓިކް މުޖުތަމަޢުތަކުގައި ޙައްޤުހޯދަންކުރާ ސުލްހަވެރި އިހުތިޖާޖުތަކަށް މަރުޙަބާކިޔާނެ.” މިނިސްޓަރ ޝިޔާމް ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން ޝިޔާމް ވަނީ ކޫއްޑުގެ އޮޕަރޭޝަން ކުރިޔަށް ގެންދެވޭނެ މާހައުލެއް އޮތުމަކީ އިހުތިޖާޖުގައި ބައިވެރިނުވާ އެތައް ދޯންޏެއްގެ މަސްވެރިންގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި އަދި އެ މާހައުލު ޤާއިމުކޮށްދެއްވުމަށް އިހުތިޖާޖު ކުރަމުންދާ މަސްވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އަދި މިސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން މަހުގެ އަގު މި ސަރުކާރުން މުރާޖާ ކުރި ދުވަހުން ފެށިގެން ކިރުނުމަހަށްވާ 26 މިލިއަން ކޮންމެ ހަފްތާއަކު މިފްކޯއަށް ކިރާ މަހަށް ވާގޮތަށް، ހަފްތާއެއްތެރޭ ފައިސާ ދެވޭނެ އިންތިޒާމު މިހަފްތާގައި މިފްކޯއިން ހަމަޖައްސާނެކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.
“މިސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމުގައި ދަންނަވަން. އަދި މަހުގެ އަގު އަޅުގަނޑުމެން މުރާޖާ ކުރި ދުވަހުން ފެށިގެން ކިރުނުމަހަށްވާ 26 މިލިއަން ކޮންމެ ހަފްތާއަކު މިފްކޯއަށް ކިރާ މަހަށް ހަފްތާއެއްތެރޭ ފައިސާ ދެވޭނެ އިންތިޒާމުގެ ތެރެއިން މިހަފްތާ އެފައިސާ މިފްކޯއިން ހަމަޖައްސާނެކަމުގައިވެސް ދަންނަވަން.”
ޝިޔާމް ވަނީ މަސްވެރިންގެ ކަންކަން ރައީސް ޑރ. މުހައްމަދު ގެންދަވަނީ ވަރަށްގާތުން ބައްލަވަމުން ކަމަށްވެސް ވިދާޅުވެފަ އެވެ.