- Advertisement -ad image

ހިތަދޫއާއި ހުޅުދޫ މީދޫ ގުޅުވައިދޭ ބްރިޖު މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސަރވޭގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އައްޑޫސިޓީގެ ހިތަދޫއާއި ހުޅުދޫ މީދޫ ގުޅުވައިދޭ ބްރިޖު މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސަރވޭގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒެވެ.

މިރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު އައްޑޫސިޓީ އާއި، ފުވައްމުލައް ސީޓީ އާއި، ގއ އަދި ގދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހުޅުދޫ މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

އައްޑޫ ސިޓީގެ ހުޅުދޫ މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ބްރިޖަކީ ރާއްޖޭގައި އަޅާ އެންމެދިގު އަދި އެންމެ ބޮޑު ބްރިޖަށް ވާނެކަމުގައެވެ. ހަމަ އެހެންމެ މިއަހަރުގެ ތެރޭގައި މަސައްކަތްފަށައި، އެންމެ ގިނަވެގެން ހަތަރު އަހަރުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ނިމިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ބްރިޖާއެކު އައްޑޫ ސިޓީގެ އިޤުތިޞާދަށް ކުރިއެރުން ލިބިގެންދިއުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީގެ މަރަދޫ އަދި މަރަދޫ ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވަނީ މި މަޝްރޫޢަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ މިއީ އެމަނިކުފާނު ވަޢުދު ވެވަޑައިގަންނަވާފައިވާ އެންމެ ބޮޑު އެއް މަޝްރޫޢުކަން ފާހަގަކުރައްވައި ބްރިޖުގެ ޑިޒައިން އަދި ފީސިބިލިޓީގެ މަސައްކަތަކީ އެއީ ހިލޭ އެހީގެ ދަށުން ކުރެވިގެންދާނެ މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

އައްޑޫސިޓީގެ ހިތަދޫއާއި ހުޅުދޫ މީދޫ ގުޅުވައިދޭ ބްރިޖު މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސަރވޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދަ ޢަރަބް ކޮންޓްރެކްޓަރސް އާއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ ޢަބްދުﷲ މުއްޠަލިބެވެ. ދަ ޢަރަބް ކޮންޓްރެކްޓަރސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ބޯޑު މެންބަރު، އިންޖިނިއަރ ހެބާ އަޙްމަދު އަބޫ ލައިލާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ