ގއ. ގެމަނަފުށީގައި މިހާރު ފެށިފައިހުރި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ރައީސް ކުރައްވަވާ ދަތުރުފުޅުގައި އިއްޔެ ރައީސް ވަނީ ގެމަނަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގެމަނަފުށީ ކައުންސިލާއެކު ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަމާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ތަފުޞީލީ ގޮތެއްގައި މަޝްވަރާކުރައްވާފައިވާކަމަށް ވިދާޅުވެފަ އެވެ.
އަދި އެކަންކަން ޙާޞިލުކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއްދީގެން އެ އަމާޒަށް ވާޞިލުވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުންވެސް ގެމަނަފުށީގައި މިހާރު ފެށިފައިހުރި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނ ީމަސްވެރިކަން ތަރައްޤީކުރުމަށް ވިސްނައިގެން ގެމަނަފުއްޓަށް ތަރައްޤީ ގެނައުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ރަށުގެ ރައްޔިތުން އެދޭގޮތަށް އެރަށުގެ ބަނދަރު ޞިނާޢީ ބަނދަރެއްގެ ގޮތުގައި ތަރައްޤީ ކުރައްވާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސަރުކާރަށް މަޖިލީހުގެ ތާއީދާއެކު ޤައުމަށް ތަރައްޤީ ގެނައުމަށް ފަސޭހަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ތަރައްޤީގެ އެތައްކަމެއް މަޖިލީހުގެ މަސައްކަތްތަކާއިވެސް ގުޅިފައިވާކަން ފާހަގަކުރައްވައި އެކަންކަން ޙާޞިލުކުރުމަށް ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. އެގޮތުން ރައްޔިތުން ދެއްވާ ތަރުޙީބާއެކު ތަރައްޤީގެނައުމަށް ސަރުކާރަށް ފަސޭހަވާނެކަމުގައި ފާހަގަކުރައްވައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.