- Advertisement -ad image

ކޮނޑޭގެ ޒަމާންވީ ބަނދަރު ތަރައްޤީކޮށްދޭނަން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ގއ. ކޮނޑޭ ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީވެސް ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާ ކަމަކަށްވާތީ އެކަންވެސް ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ރައީސް ކުރައްވަވާ ދަތުރުފުޅުގައި އިއްޔެ ރައީސް ވަނީ ކޮނޑޭއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްވަނީ ކޮނޑޭ ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީވެސް ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާ ކަމަކަށްވާތީ އެކަންވެސް ރައްޔިތުންނަށް ކޮށްދެއްވާނެކަމަށާއި، އަދި އެ ބަނދަރުވެގެންދާނީ އިތުރުވަމުންދާ އާބާދީއާއި އެކަށީގެންވާ ބަނދަރަކަށްކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވަނީ ކޮނޑޭއަކީ ދަނޑުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއެރުވިދާނެ ރަށެއްކަމުގައި ފާހަގަކުރައްވައި އެކަމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށްވެސް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތް ވަރުގަދަކުރުމަކީ މި ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރަން ގެންގުޅުއްވާ ސިޔާސަތެއް ކަމުގައެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފެއްދޭ އަދި އުފެއްދިދާނެ ހުރިހާ ބާވަތެއްގެ ތަކެތި އުފެއްދުން އެއީ، ރާއްޖޭގައި ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށްޓަކައި މި ސަރުކާރުން ކަނޑައަޅާފައިއޮތް ވަރަށް ބޮޑު، މުހިންމު ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަ އެއާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައިވެސް އެތައް ރިސޯޓަކުން ކާބޯތަކެތި ރާއްޖެއިން ބޭރުން އެތެރެކުރާކަން ފާހަގަކުރައްވައި، އެ ދާއިރާއަށްވެސް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަކީވެސް ސަރުކާރުގެ އަމާޒެއްކަމުގައި ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ކޮނޑޭގެ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވައި ނަތީޖާ ނެރެދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ