ފެށުމަށްފަހު މަސައްކަތް ހުއްޓިފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް އަލުން ފަށައިގެން ކުރިޔަށްގެންގޮސް ދިނުމަށް ރ އިންނަމާދޫ ކައުންސިލުން އެދިއްޖެއެވެ.
އިންނަމާދޫ ރައްޔިތުން އެދޭ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން އެރަށު ކައުންސިލާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ މަޝްވަރާކުރައްވައިފައެވެ. މި ބައްދަލުކުރެއްވުން އޮތީ ރ. އިނގުރައިދޫ ސްކޫލުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަމުގެ ގޮތުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ފްލެޓް އަޅަން ބޭނުންވާކަމާއި އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކުރުމާއި ރަށުގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި ރަށުގައި ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރެއް ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން ފެށުމަށްފަހު މަސައްކަތް ހުއްޓިފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް އަލުން ފަށައިގެން ކުރިޔަށްގެންދިއުމުގެ ބޭނުންތެރިކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.
އަދި މި ބައްދަލުވުމަށްފަހު ފައިނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ.