5 އަހަރަށްފަހު އައިޖީއެމްއެޗް މިސްކިތް އަލުން ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުއްވާދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޙަލީލެވެ.
މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ހޮސްޕިޓަލެއްގައި މިސްކިތެއް ހުރުމަކީ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށާއި ބަލި މީހުންގެ އެހީތެރިންނަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ތިބެ މިސްކިތެއްގައި ނަމާދުކުރެވޭ ގޮތް ވުމަކީ ބަލި މީހުންނަށާއި އެހީތެރިންނަށް މަޢުނަވީ ގޮތުންނާއި ރޫޙާނީ ގޮތުން ބޮޑު ހިތްހަމަޖެހުމަކާއި ބަލިން ރަނގަޅުވުމުގެ އުންމީދު ލިބޭނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
“މިސްކިތުގައި އިނދެގެން ދުޢާކުރީމަ އެލިބޭ ހިތްހަމަޖެހުމާއި މަޢުނަވީ ރޫޙާނީ ސަޕޯޓަކީ ވަރަށް މުހިންމު އެއްޗެއް. މި މިސްކިތް އެޅުމަށް މެނޭޖްމަންޓުން ނިންމި ނިންމުމަކީ ޚިދުމަތް ހޯދާ ބަލި މީހުންނާއި ބަލި މީހުންގެ އެހީތެރިންނަށްޓަކައި ވަރަށް ރަނގަޅު ނިންމުމެއް.” އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތް ހޯދަމުންދާ ހޮސްޕިޓަލެއްގައި މިފަދަ މިސްކިތެއް ހުޅުވުމަށް އިސްނަގައިގެން އަމިއްލައަށް މަސައްކަތްކުރުމުން އައިޖީއެމްއެޗްގެ މެނޭޖްމަންޓަށާއި މިސްކިތް ހެދުމަށް މާލީގޮތުންނާއި ޢަމަލީ ގޮތުން އެހީތެރިކަން
ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އައިޖީއެމްއެޗް މިސްކިތުގައި އެއް ފަހަރާ 100އަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެއެވެ. މި މިސްކިތުގައި ވުޟޫކުރުމަށާއި ނަމާދުކުރުމަށް ފިރިހެނުންނަށާއި އަންހެނުންނަށް ވަކިން ބައެއް
ހަދާފައިވެއެވެ. މި މިސްކިތުގައި ކުރިއަށް އޮތް ރަމަޟާން މަހު ތަރާވީޙު ނަމާދުކުރެވޭނެ ކަމަށްވެސް އައިޖީއެމްއެޗުން ހާމަކުރެއެވެ.