ރޯދަ މަސް ފެށުމާއެކު މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މާލެއާއި އަތޮޅުތަކުގައި ފިތުރު ޒަކާތް ބަލައިގަންނަމުންދާނެ ކަމަށެވެ.
ފިތުރު ޒަކާތް ބަލައިގަންނަނީ ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ 2.4 ކިލޯއަށްވާ ފައިސާއިންނެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު:
އާދައިގެ ހަނޑޫ: 12 ރުފިޔާ
ތައިލެންޑް ހުދު ހަނޑޫ: 70 ރުފިޔާ
ރަތް ހަނޑޫ: 80 ރުފިޔާ
އާދައިގެ ބާސްމަތީ ހަނޑޫ: 70 ރުފިޔާ
މޮޅު ބާސްމަތީ ހަނޑޫ: 100 ރުފިޔާ
އެންމެ މޮޅު ބާސްމަތީ ހަނޑޫ: 125 ރުފިޔާ
އާދައިގެ ފުށް: 10 ރުފިޔާ
އާޓާ ފުށް: 75 ރުފިޔާ
މިނިސްޓްރީން ވަނީ އަތޮޅު ތެރޭގައި ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ރަށެއްގެ ރަށު ކައުންސިލް އިދާރާއަށް ކަމަށް ބުނެފައެވެ.
މީގެ އިތުރުން އޮންލައިންކޮށް ޒަކާތް ދެއްކެވުމަށް ދިރާގު ވެބްސައިޓާއި، ދިރާގު ޕޭ އާއި އެމްފައިސާ އާއި އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނޭ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހަމައެހެންމެ، ބީއެމްއެލް ވެބްސައިޓުންނާއި، އެމްއައިބީ ފައިސާ ނެޓް އަދި މާލެ އާއި ހުޅުމާލޭ ބްރާންޗު ކައުންޓަރުންނާއި، ފަހިޕޭ އެޕްލިކޭޝަން މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
އޭގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށްގެން، މިއަދުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަންނާނެ އިންތިޒާމުތައް ވެސް ހަމަޖައްސާފައިވާ ކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ. އެ އިދާރާއިން ބުނީ ޒަކާތް ބަލައިގަންނާނީ މިމަހު 28އާ ހަމައަށް ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 9:30 އިން 13:00 އަށް ކަމަށެވެ
އަހަރުގެ ރަމަޟާންމަހުގެ ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސް ތަކެއް ކަމުގައި ކަނޑައަޅާފައިވާތީ، ރަމަޟާން މަހުގައި ކައުންޓަރު ތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަނިވި ވަގުތު ތަކުގައި ކަމަށް ބުނެފައިވެއެވެ.
- 12-28 މާރިޗު އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 9:30-13:00 އަށް
- 31 މާރިޗު އިން 9 އޭޕްރީލް އަށް، ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00-14:00 އަށް.