ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ސްކޫލް ކުދިންގެ ފުރަތަމަ ފޯރަމް ބާއްވައިފިއެވެ.
މިފޯރަމް ހާއްސަކޮށްފައިވަނީ ފަލަސްޠީނުގެ ބިމާއި “މަސްޖިދުލް އަޤްޞާއާއި މުސްލިމުންނާ ގުޅިފައިވާ މިންވަރު” މި މަޢުޟޫއަށެވެ.
މިއަހަރުގެ ރަމަޟާން މަހު ސްކޫލް ކުދިން ހުށައަޅައިދިން ފުރަތަމަ އިޙްޔާ ފޯރަމްގައި މަޢުލޫމާތު ހުށައަޅާފައިވަނީ އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންނެވެ. 3 ބަޔަކަށް ފޯރަމްގައި މަޢުލޫމާތު ހުށައަޅާދީފައިވެއެވެ. އެގޮތުން ފަލަސްޠީނުގެ ތާރީޚާއި މަސްޖިދުލް އަޤްޞާގެ މާތްކަމާއި މުސްލިމުންގެ ހިތްތަކުގައި އެތަނުގެ މަޤާމާއި ގުޅޭގޮތުންނާއި މިއަދު އަޤްޞާގެ ޙާލަތަށްވަނީ އަލިއަޅުވާލާފައެވެ.
ދަރިވަރުން ވަނީ އިސްލާމް ތާރީޚު ފެށުނީއްސުރެ ފަލަސްޠީނުގެ ބިމާއި މުސްލިމުންނާއި ގުޅިފައިވާ މިންވަރު ކީރިތި ޤުރުއާނުގެ އެހީގައި ގެނެސްދީފައެވެ. މިގޮތުން މުސްލިމުން ރަސޫލުންނާއި ނަބީންކަމަށް އީމާންވާ އެތައް ނަބިއްޔުންނެއްގެ ބިންކަން ދަރިވަރުންވަނީ ހިއްސާކޮށްފައެވެ.
މިއަދު އެބިމުގެ ޙާލަތުވެސް ދަރިވަރުންވަނީ ފޯރަމްގެ ބައިވެރިންނާއި ހިއްސާކޮށްފައެވެ. މިގޮތުން ހަނގުރާމަ ވަރުގަދައަށް ފެށިގެން މިވީ 5 މަސްދުވަހުގެ ތެރޭގައި އެތައްހާސް ކުޑަކުދިންނެއް ޝަހީދުކޮށްލާފައިވާކަން އެކުދިންވަނީ ފޯރަމްގައި ހިއްސާކޮށްފައެވެ.
ސްކޫލްތަކުގެ ދަރިވަރުން ލައްވާ އިޙްޔާ ފޯރަމް ކުރިއަށް ގެންދަނީ ވަކި މައުޟޫއެއް ނެގުމަށްފަހު ސްކޫލްތަކަށް އެ މައުޟޫއު ހަވާލުކޮށް ދުރާލާ ތައްޔާރުވެގެންނެވެ. އަދި އެ ދަރިވަރުން ބޭނުންވާ މަޢުލޫމާތުތައް އިލްމުވެރިން ފޯރުކޮށްދޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. މީގެ އިތުރުން ތައްޔާރުކުރާ ޕްރެޒެންޓޭޝަން ނިމުމުން ރަނގަޅަށް ބެލުމަށްފަހު އެއްވެސް މައުލޫމާތެއް މަދުވާނަމަ އެމައުލޫމާތެއްވެސް އިލްމުވެރިން ފޯރުކޮށްދެއެވެ.
ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ފޯރަމަކީ ސްކޫލް ދަރިވަރުންގެ މެދުގައި ދީނާ މެދު އޮންނަ ލޯބި އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ފޯރަމެކެވެ.