ރާއްޖެއަކީ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމަކަށްވުމާއެކު އެއަރ ކޯގެ ހިދުމަތާއެކު ސަރޗް އެންޑް ރެސްކިއުއަށްވެސް އަދި ޤައުމުގެ މިނިވަންކަމާއި ރައްކާތެރިކަމަށްވެސް ސިފައިންކުރާ ބުރަ މަސައްކަތް އިތުރަށް ފުޅާވެގެންދާނެކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްއެންޑީއެފްގެ އެއަރ ކޯރ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ޤާއިމުކުރެވުނު ނިޒާމާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ޤައުމުގެ މިނިވަންކަން ދިފާޢުކުރުމަށް މީގެފަހުން މަސައްކަތްކުރާނީ ސީދާ ރާއްޖޭގެ ދިފާޢީ ބާރުންކަމަށެވެ. ޣައްސާން ވިދާޅުވީ އެއަރ ކޯގެ ހިދުމަތް ތައާރަފްކުރެވިގެން ދިއުމަކީ މިއީ ދިވެހި ޤައުމަށާއި ދިވެހި އަސްކަރިއްޔާއަށްވެސް ތާރީޚީ މަސައްކަތެއްކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ބުރަ މަސައްކަތުން ގެނެވުނު ތާރީޚީ ދުވަހެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަވެސް ކުރެއްވި މުހިއްމު އެއް މަސައްކަތަކީ ދިފާޢީ ދާއިރާ ހަރުދަނާކުރައްވާ ސިފައިންގެ އަމިއްލަ ބާރުވެރިކަން ޔަގީންކުރެއްވުމަށް ކުރެއްވި ބުރަ މަސައްކަތްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެއަރ ކޯ އިފްތިތާހުވެގެން ދިއުމަކީ އަސްކަރީ ދިގު ތާރީޚެއް އޮތް ޤައުމުގެ އަސްކަރިއްޔާ އެހެން ޙަރުފަތަކަށް ދިއުންކަމަށް ވަޒީރު ފަހަގަކުރެއްވިއެވެ.