ކުރީ ސަރުކާރުން ހުޅުމާލެ ފޭސް ދެއަކުން މާލޭ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތައް ބިންވެރިންނާއި ހަވާލުކުރުމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ގެންދަނީ މުހިންމު މަސައްކަތްތަކެއް ހުއްޓާނުލާ ކުރަމުންނެވެ.
ގޯތި ލިބުނު ސަރަހައްދުތަކުން ބިންތައް ދޫކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިނަމަވެސް ރައްޔިތުންގެ ހައްގު ހޯދައިދިނުމަށް އެންމެ ވަގުތުކޮޅަކަށްވެސް އެޗްޑީސީ ހުއްޓައެއްނުލައެވެ.
އެޗްޑީސީގެ ޕަބްލިކް ރިލޭޝަންސް އެސިސްޓަންޓް މެނޭޖަރ މުހައްމަދު ސިރާޖު ވިދާޅުވީ، ގޯތިތައް ދިނުމަށް އެ ކޯޕަރޭޝަނުން ހުއްޓާނުލާ ކުރަމުންދާ މަސައްކަތަކީ ބިންތައް ލިބިފައިވާ ސަރަހައްދުތަކުން ބިންވެރިންނަށް ގޯތިތައް ދޫކުރުން ކަމަށެވެ.
“ އަޅުގަނޑުމެން ބަލާލިއިރު އެބަހުރި ހިލަފުނިތަކާއި ވެލިފުނިތައް ހުރި ހިސާބުތަކުން ގޯތިތައް ދީފައިި. ދެން އެތަންތަނުގައި ކަޑަޖެހެން މިއަންނަނީ އެ އެއްޗެހި އެތަނުންނަގާ ހުސްކޮށްގެން. އެ މަސައްކަތް ހުއްޓާނުލާ އަޅުގަނޑުމެންގެ މުވައްޒަފުން މިކުރަނީ “ ސިރާޖު ވިދާޅުވިއެވެ.
އެޗްޑީސީގެ އަމާޒަކީ ވީހާވެސް އަވަހަށް ބިންތަކުގެ ވެރިންނަާއި ބިންތައް ހަވާލުކުރުމެވެ. އެގޮތުގެ މަތިން ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ކޮންމެ ދުވަހަކުވެސް ކުރަމުންދެއެވެ.
![](https://i0.wp.com/hiraas.com.mv/wp-content/uploads/2024/03/IMG_2028-scaled.jpeg?resize=696%2C522&ssl=1)
ސްޓެލްކޯ އެމްޑަބްލިއުއެސްސީގެ ހިދުމަތްތައް ދިނުމަށް ފޭސް ދެއެއްގައި ހޮޅިތައް ވަޅުލާފައިވާ ހިސާބުތަކުންވެސް ވަނީ ގޯތިދީފައެވެ. ސިރާޖު ވިދާޅުވީ އެ ދެ ކުންފުންޏާއެކު މަޝްވަރާކޮށް އެކަމަށްވެސް އެދެވޭ ހައްލެއް ހޯދުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
“ ތިބޭފުޅުން ވިސްނަވާ ތާރުއެޅި މަގުތަކުންވެސް ރައްޔިތުންނަށް ގޯތިދީފައިހުރީ. އެކަންވެސް ހައްލުކޮށް ބިންތައް ރަޖިސްޓްރީ ކުރުމުގެ މަރުހަލާއަށް ގެންދެވޭތޯ އަޅުގަނޑުމެން މަސައްކަތް މިކުރަނީ “ ސިރާޖު ވިދާޅުވިއެވެ.
![](https://i0.wp.com/hiraas.com.mv/wp-content/uploads/2024/03/IMG_2036-scaled.jpeg?resize=696%2C522&ssl=1)
މިހުރިހާ ގޮންޖެހުންތަކާއެކުވެސް އެޗްޑީސީ އޮތީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ވަރުބަލިކަމެއްނެތިއެވެ. ކޮންމެ ރައްޔިތަކަށްވެސް ލިބެންޖެހޭ ހައްގު އެޗްޑީސީން ކަށަވަރުކޮށްދޭނެއެވެ.