މިރޭގެ އެކި ވަގުތުތަކުގައި ހުޅުމާލޭގެ އެކި ހިސާބުތަކުން ކަރަންޓް ކެނޑެން މެދުވެރިވީ ޓްރާންސްފޯމަރުތައް ނިއްވާލައި ޓްރާންސްފޯމަރުތަކުގެ އެކިބައިތައް ވަގަށް ނެގުމުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ، އެކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވި އެކަން ވަނީ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައި ކަމަށެވެ.
އަދި ރޭ ފަތިހު އަދި މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ އެ ގޮތަށް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި ގުޅިގެން ކަމަށް ފަހުމީ ވިދާޅުވިއެވެ.
“ މިއީ މިކަން ކުރާ ފަރާތްތަކަށްވެސް ބޮޑު ނުރައްކަލަކަށް ވާއިރު، މިއީ ކަރަންޓުގެ އަސާސީ ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން މި ކުންފުނިން ކުރަމުންގެންދާ މަސައްކަތަށްވެސް އެޅޭ ހުރަހެއް “ ފަހުމީ ވިދާޅުވިއެވެ. އިތުރަށް އެމްޑީ ވިދާޅުވީ މިފަދަ ކަންކަން ކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކަށް ފިޔަވަޅު އަޅައިދީ، އަދި ވަގަށް ނަގައިގެން ވިއްކާ މިދަފަ ތަކެތި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅުއަޅައިދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.
