ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ބަންދުކޮށްފައި ހުރި މީހާ (ކާފަ) ދޫކޮށްލަން ނިންމީ ކޯޓުން ކަމަށާއި، އެއީ ސަރުކާރުގެ ނިންމުމެއް ނޫންކަމަށް ޑިފެންސް މިނިސްޓަރ އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިދިޔަ އަހަރު އޮގަސްޓު މަހުގެތެރޭގައި ތ. ވޭމަންޑޫގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައިގަ ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ހުރި ކުއްޖާގެ ކާފަ ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލުމާ ގުޅިގެންނެވެ.
މިކަމާއި ގުޅިގެން އިހްސާން “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ތަހުގީގު ނިމެންދެން ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ދޫކުރުން ނުވަތަ ލުއި ދިނުމަކީ ރައީސް އަދި ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށެވެ. އެ ނިންމުން ނިންމާނީ ރާއްޖޭގެ ކޯޓުތަކުން ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އިހުސާން ވަނީ ތިންބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި މިފަދަ ކަންކަން ސާފުވުން މުހިއްމުކަމަށް ވިދާޅުވެފައެވެ.
” ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި މިފަދަ ކަންކަން ސާފުވުން މުހިންމު. މީގެ ދެތިން ދުވަސް ކުރިން ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގިކަމުގެ ދައުވާގައި ބަންދުގައި ހުރި މީހަކު ކޯޓުން ދޯކޮށްލުމުން އެކަން ހިނގި ގޮތް ރައްޔިތުންނަށް އޮޅުވާލަމުން ދާތީ އެކަން ސާފުކޮށްދެން. އެ ނިންމުމަކީ ކޯޓުގެ ނިންމުމެއް. ސަރުކާރުގެ ނިންމުމެއް ނޫން. އެ ނިންމުން ޕީޖީން ދަނީ އިސްތިއުނާފު ކުރަމުން.” ވަޒީރު ވިދާޅުވިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުކުރެވޭ މީހުންނާއި އެފަދަ މައްސަލަތަކުގައި ހުކުމްކޮށްފައިވާ މީހުންނަށް މައާފުދިނުމާއި ލުއި ދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިއަދު ވަނީ ވިދާޅުވެފައެވެ.