ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން މަގުތަކަށް އަރާގޮތަށް ދޫކޮށްފައިވާ ގޯތިތަކުގެ އިމުގެ ތެރެއަށް އަރާފައިވާ ތާރު ކެނޑުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
އެޗްޑީސީން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ކަނޑައަޅާފައިވާ ގޯތިތަކުގެ އިން ވަކިކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ގޯތި ހަވާލުކުރުން އަވަސްކުރުމަށް އެ ކޯޕަރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
އެގޮތުން ގޯތި ދީފައިވާ ސަރަހައްދުތަކުގެ ބިން ސާފުކުރުމާއި، ބައެއް ގޯތިތަކަށް އަރާފައިވާ ފެނާއި ނަރުދަމާގެ ނެޓްވޯރކް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ.
އަދި މި ގޯތިތަކުގެ އިން ވަކިކޮށްހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދަނީ ހާއްސަ އިސްކަމެއްދީގެން ކަމަށްވެސް އެޗްޑީސީން ހާމަކުރެއެވެ.