- Advertisement -ad image

ފިޠުރު ޒަކާތުގެ ގޮތުގައި ރަމަޟާން މަހުގެ ފުރަތަމަ 10 ގައި 1.5 މިލިއަން ރުފިޔާ

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި 1.5 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާފިއެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރަމަޟާން މަހުގެ ފުރަތަމަ 10 ގައި 2023 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 1.3 މިލިއަން ރުފިޔާއެވެ. އަދި 2022 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 1.09 މިލިއަން ރުފިޔާއެވެ.
ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު 38،681 މީހުން ވަނީ ޒަކާތް ދައްކާފައެވެ. އަދި ޒަކާތް ދައްކާފައިވާ ބާވަތްތަކުގެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނަ މީހުން ޒަކާތް ދައްކާފައިވަނީ ހަނޑުލުގެ ބާވަތްތަކުންނެވެ.

އެގޮތުން 22،759 މީހުން އާދައިގެ ހަނޑުލުން ޒަކާތް ދައްކާފައިވެއެވެ. އަދި 5,208 މީހަކު އާދައިގެ ބާސްމަތީ ހަނޑުލުން ޒަކާތް ދައްކާފައިވާއިރު 4,188 މީހަކު އެންމެ މޮޅު ބާސްމަތީ ހަނޑުލުން ވަނީ ޒަކާތް ދައްކާފައެވެ. މީގެ އިތުރުން ވެސް އާޓާ ފުށާއި އާދައިގެ ފުށުން ވެސް ބައެއް ފަރާތްތަކުން ޒަކާތް ދައްކާފައިވެއެވެ.

ޒަކާތު ހައުސްއިން ބުނީ އޭޕްރީލް މަހުގެ 6 ވަނަ ދުވަހާ ހަމައަށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި ރަމަޟާންމަހުގެ ފަހު 10 ސަރުކާރު ބަންދުވި ނަމަވެސް ޒަކާތް ދެއްކޭނެ އިންތިޒާމް އެއިދާރާއިން ވަނީ ހަމަޖައްސަވާފައެވެ.

ޒަކާތު ހައުސްއިން ބުނީ، ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެކަމަށެވެ. ޢުމުރުން ދުވަސްވީ އަދި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން މީހުންނަށް ޚާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސަވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ