ފަސް އަހަރެއްގައި ރައީސްކަން ކުރުމުގެ ފުރުސަތު ލިބުމަކީ ހިތްފުޅަށް އަރާވަޑައިގަންނަވާހާ ގޮތަކަށް އިތުރުފުޅު ހެއްދެވުމަށް އޮތް ލައިސެންސެއް ނޫން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު މުސްތަފާ އިބްރާހީމްގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ދޫކުރި ގޯއްޗާއި ފުލެޓް، މި ސަރުކާރުން ބަދަލުކުރާނެ ކަމަށްބުނެ އެމްޑީޕީން ދޮގު ހަދަމުންދާ ކަމަށެވެ.
“ އަޅުގަނޑުމެން ވަކި ލިސްޓެއް ހަދައިގެން ފްލެޓް ދޭންވެގެން އެބަ މަސައްކަތްކުރެއޭ. ތިމަންނަމެންގެ މެޖޯރިޓީ މަޖިލީހުގައި އޮތީމައޭ އެކަންވެސް ނުކުރެވިގެންއުޅެނީ ކިޔައިގެން އެދައްކަނީ ހުސް ބުހުތާނު ދޮގު ވާހަކަ “ ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމުހޫރިއްޔާ އިތުރަށް ވިދާޅުވީ، ފަސް އަހަރެއްގައި ރައީސްކަން ކުރުމުގެ ފުރުސަތު ލިބުމަކީ ހިތްފުޅަށް އަރާވަޑައިގަންނަވާހާ ގޮތަކަށް އިތުރުފުޅު ހެއްދެވުމަށް އޮތް ލައިސެންސެއް ނޫން ކަމަށާއި އެއީކީއެއް އެކަމަށް އޮތް ލައިސެންސެއް ނޫން، އަދި އެކަމަށް އޮތް ހުއްޖަތެއް ވެސް ނޫން ކަމަށެވެ.
“ އެއަށްވުރެ އިހުލާސްތެރިވާންވާނެ. ތެދުވެރިވާންޖެހޭނެ. ރައްޔިތުންގެ ކުރިމައްޗަށް އަރާވަޑައިގެން ވާހަކަދައްކާވާއިރު ތެދު ބަހުން ވާހަކަދައްކަވަންޖެހޭނީ. އޮޅުވާލެވިދާނެ. ދޮގުހެދިދާނެ “ ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެ، ކުރީގެ ސަރުކާރަށް ނުކުރެވި ހުރި ކަންކަން ކުރުމަށް މިފަހަރުގެ މަޖިލިސް މެޖޯރިޓީ އެމްޑީޕީއަށް ދިނުމަށް އެ ޕާޓީން ރައްޔިތުން ކައިރީގައި އެދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މެޖޯރިޓީ އޮވެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ނުކުރެވުނު ބަޔަކަށް އިތުރު ފުރުސަތެއް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.
![ad image](https://hiraas.com.mv/admanager/upload/ads_8.gif)