އަމިއްލަ ޖަމާޢަތްތަކުގެ ހަވާލުގައި އުމްރާއަށްދާ ފަރާތްތަކުން އެ ވަޑައިގަންނަވާ ޖަމާޢަތްތަކަކީ އުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ޖަމާޢަތްތަކެއްތޯ ކަށަވަރު ކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓަރ މިފަދައިން އިލްތިމާސްކުރެއްވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރ ވިދާޅުވީ، ޢުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ ދެވިފައިވާ ޖަމާޢަތްތަކުގެ ލިސްޓް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. ހަމަ އެހެންމެ، މި ލިސްޓް ގެޒެޓްގައި އާންމުކޮށްފައިވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އާންމުންނަށް ފެންނާނެހެން އާންމުކޮށްފައިވާ މި ލިސްޓުގައި ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް މިހާތަނަށް ޖުމްލަ 50 ކުންފުންޏަކަށް އެ ވުޒާރާއިން ވަނީ ހުއްދަ ދީފައެވެ. އަދި މި ކުންފުނިތަކަށް ގުޅޭނެ ފޯން ނަމްބަރާއި، ހުއްދަ ހަމަވާ ތާރީޚްވެސް މި ލިސްޓްގައި ވަނީ ފާހަގަކޮށްފައެވެ.
ޙައްޖާއި، ޢުމްރާއަށް މީހުން ގެންދިއުމުގެ ނަމުގައި މަކަރުހަދާ އޮޅުވާލައިގެން މަސައްކަތްކުރާ ކުންފުނިތަކުގެ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. އެހެންކަމުން، މިފަދަ ބޮޑު ކަމެއް ނިންމުމުގެ ކުރިން އިތުބާރުހިފޭ ބަޔަކާއި ވާހަކަ ދެއްކުމަށްފަހު، ރަނގަޅު ކުންފުންޏެއް އިޚްތިޔާރު ކުރުމަކީ މުހިންމުކަމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ހާމަކުރެއެވެ.
މިނިސްޓަރު މިކަމަށް އިލްތިމާސްކުރައްވާފައިމިވަނީ އަލް-މަޝްއަރު ނަމަކަށްކިޔާ އުމްރާ ގްރޫޕެއްގެ ހަވާލުގައި އުމްރާއަށްދިޔަ ގްރޫޕަކަށް އަނބުރާ ނާދެވިދާނެކަމުގެ ބިރު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
މިކަން ފެންމަތިވީ އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާޤު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކުރެއްވި ޕޯސްޓަކާއި ހަމައިންނެވެ.
އެ ޕޯސްޓްގައި ފިރާޤު ވިދާޅުވެފައިވަނީ އަލްމަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ އަލީ ފާރިޝްގެ ފަރާތުން ކޮންމެ ދުވަހަކު އީމެއިލް ލިބެމުން ދިޔަ ނަމަވެސް ފައިސާ ލިބުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވާކަމަށާއި ވިޔަފާރިއެއްގެ ގޮތުގައި އިސްކަންދޭ ކަމަކީ މަޞްލަޙަތު ރައްކާތެރިކުރުން ކަމަށްވީނަމަވެސް، ޢުމްރާގެ އަޅުކަމަށް ގޮސްތިބި ފަރާތްތަކުގެ މަޞްލަޙަތަށް ރިޢާޔަތްކޮށް ފައިސާ ދެއްކުމުގެ ފުރުޞަތުތަކެއް ދެވުނު ކަމަށެވެ.