20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ސަރުކާރުގެ ވިސްނުމުގައި ސަރުކާރުގެ ފިކުރުގައި ތިބި މެންބަރުން ހޮވުމަށް އެންމެން އެކަތިގަނޑަކަށްވާންވީ އިންތިހާބު ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގއ ވިލިގިނލީ ދާއިރާއަށް ވާދަކުރައްވާ ސަރުކާރު ކެންޑިޑޭޓު ޔަޒުމީދު މުހައްމަދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަހަރުތައް ބޭކާރުވެގެންދާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަކީ ކޮށްގެންވާވަރު ކަމެއް ނޫން ކަމަށެވެ.
އަދި ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވީ ނަތީޖާ ނެރޭނެ ވަޢުދުތަކެއް ކަމަށާއި އަމާޒު ހުރީ ނަތީޖާ ނެރެވޭ ސަރުކާރެއް ޤާއިމްކޮށް ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައިސުލްޖުމުހޫރިއްޔާ ވަނީ ސަރުކާރުން ރައްޔިތުންގެ ކުރިއެރުމަށް ކުރަން ހުރި މަސައްކަތް ނުކޮށް އެއްވެސް ވަގުތެއް ބޭކާރު ގޮތުގައި ހޭދަ ކުރުމަށް ބޭނުން ނުވާކަމަށް ވިދާޅުވެފައެވެ.
“އެންމެ ދުވަހެއްވެސް، އެންމެ ރެއެއްވެސް ބޭކާރު ވެގެންދާކަށް އަޅުގަނޑު ބޭނުމެއް ނުވޭ އެކުރަން އޮތްކަން ކުރުމުގައި ވަގުތު ހޭދަނުކޮށް ނަތީޖާ ނެރުމުގެ މަސައްކަތް ނުކޮށް. ނަތީޖާ ނެރެވެން އޮތީ މަޖިލީހުގެ ދައުރާއި އެކީގައި. އެހެންވީމަ ބޭކާރުވެގެންދާ އަހަރުތަކަކަށް ވެގެންދާނެ ގޮތަކަށް މަޖިލީހަށް އަޅުގަނޑުމެން މެންބަރުން ހޮވުމަކީ އަޅުގަނޑުމެން އަތުން ކޮށްގެންވާނެ ކަމެއް ނޫން” ރައީސް ވިދާޅުވިއެވެ.
ބާރުމިނުގައި ނަތީޖާ ނެރެދެވޭނެ ސަރުކާރެއް ޤާއިމް ކުރައްވާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރައީސް ވިދާޅުވިއެވެ. އަދި އެކުވެރިކަމާއެކު އެއްވިސްނުމެއްގައި މަސައްކަތްކޮށް މި އިންތިހާބުގެ އަގުލަބިއްޔަތު ސަރުކާރަށް ނެގުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.