ފިތުރު ޢީދު ފާހަގަކުރުމަށް ހުޅުމާލެގައި ގިނަ ހަރަކާތައްތަކެއް ކުރިއަށް ގެންދިއުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
ފިތުރު ޢީދު މުޅި ރާއްޖޭގައި ވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމދު މުއިއްޒު ވަނީ ނިންމަވާފައެވެ. އެގޮތުން ކުލަބޮކިތަކުން ރާއްޖޭގެ ރަށްތައް ޒީނަތްތެރިކޮށް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.
ފިތުރު ޢީދަށް ހުޅުމާލެ ވެސް ވަނީ ގިޑިގެތަކާއި ކުލަބޮކިތަކުން ދިއްލާ ޒީނަތްތެރިކޮށްފައެވެ.
އެޗްޑީސީއިން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި އެންމެ ފުރަތަމަ ކަމަކަށް އޮތީ ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރުމެވެ. އެގޮތުން ހުޅުމާލެ ފޭސް އެކެއްގެ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ސިންތެޓިކް ޓްރެކްގައި ކުރަން ހަމަޖެހިފައިވާއިރު، ފޭސް ދޭއްގެ ޢީދު ނަމާދު ކުރަން ހަމަޖެހިފައިވަނީ ހިޔާ ސަރަހައްދުގެ އުތުރުން އޮންނަ ހުސް ބިމުގައެވެ. ޢީދު ނަމާދުކުރަން ފަށާނީީ 7:00 ގައެވެ.
ޢީދު ނަމާދަށްފަހު ސިންތެޓިކް ޓްރެކްގައި “ދިރާގު ޢީދު ބޯކިބާ”ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށް އެޗްޑީސީއިން ވަނީ ނިންމާފަ އެވެ.
އަދި 9:00 ގައި “އީދު ޖަގަޑާ 1445” ގެ ނަމުގައި ފޭސް ދޭއްގެ ޗެނަލް ބީޗުގައި ފެންކުޅި މުބާރާތާއި، ވާދެމުމުގެ މުބާރާތެއްގެ އިތުރުން ކުޑަކުދިންގެ ކުޅިވަރު މުބާރާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ.
ހަވީރު 16:00ގައި އެޗްޑީސީއިން ވަނީ ސެންޓްރަލް ޕާކްގައި ކުޑަކުދިންގެ ހަވީރެއް އިންތިޒާމް ކޮށްފައެވެ. މި ހަވީރުގައި ޑްރިފްޓް އެސޯސިއޭޝަންގެ ރޭސްކާރުތައް ދައްކާލުން އޮންނާނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
އަދި އިރިއޮއްސި 18:00ގައި ޢީދު ދުވަހަށް ހާއްސަކޮށް ސެންޓްރަލް ޕާކާއި ހުޅުމާލޭގެ މައި މަގުތަކުގައި ޒީނަތްތެރިކުރި ކުލަބޮކިތައް ދިއްލާލުންވެސް އޮންނާނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މާދަމާ އެވެ.