އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން ރަށްރަށަށްދާ ފުލުހުން ފުރަން ފަށައިފިއެވެ.
އެގޮތުން، ބުދަ ދުވަހުން ފެށިގެން ފުލުހުން ރަށްރަށް ފުރަންފަށާފައިވާއިރު، މާލެއިން ފުރާފައިވަނީ ދެކުނުގެ އަތޮޅުތަކުގެ ރަށްރަށަށް ދާ ފުލުހުންނެވެ. އަދި ރޭ ފަތިހު މާލެއިން ފުރާފައިވަނީ އުތުރުގެ އަތޮޅުތަކުގެ ރަށްރަށަށް ދާ ފުލުހުންނެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުން ހަރަކާތްތެރި ވަމުންދާނެއެވެ. އަދި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި އެ ރަށަކަށް ފޮނުވުމަށް ފުލުހުންގެ ޓީމެއް ކޮންމެ ރީޖަނެއްގައި ވެސް ވަނީ ގާއިމުކޮށްފައެވެ.
އިންތިޚާބުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށް ބެލެހެއްޓުމަށް ފުލުހުން ދުރާލައި ތައްޔާރީތައް ވެފައިވާއިރު، އިންތިޚާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަން “ބްލޫ ޓައިޑް 2024” ގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފްއެވެ. ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމްއެވެ.