މިއަންނަ އާދިއްތަ ދުވަހު ވަރަށް ގައުމީ ރޫހެއްގައި ވަރަށް ޒިންމާދާރު ރޫހެއްގައި، ރައްޔިތުން ނިކުމެ ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދެއްވާނެކަން ޔަގީން ކުރައްވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
20 ވަނަ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް މުހިންމުވާ ސަބަބުތައް ހާމަކުރައްވަމުން ރައީސް ވިދާޅުވީ އެއީ ހަގީގަތުގައިވެސް މިގައުމުގައި މި ފަސް އަހަރު ސަރުކާރުން ބޭނުންވާ ގޮތަށް ތަރައްގީ އާއި ހަމަޖެހުން އަދި ރައްކާތެރިކަން ޔަގީންވެގެން ދާނެތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބޭ ކަމުގައިވާނަމަ އެކަން ވެގެންދާނީ ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުރިހަމަ ކަމާއެކީގައި ކޮށް ނިންމާނެ ކަމުގެ ޔަގީންކަން ލިބުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރަށް މި އިންތިހާބު މުހިންމުވެގެން އަންނަނީ ތަރައްގީ ޔަގީންކޮށް ގައުމުގައި މިނިވަންކަމާއި ރައްކާތެރިކަން ޔަގީންކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވާ ވާހަކަފުޅު ރައީސް ތަކުރާރު ކުރެއްވިއެވެ.