މަޖިލިސް އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހޯދި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް މަރުޙަބާ ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅާއެކު ސަރުކާރު ކޯލިޝަނުން ހޯދި ފުރިހަމަ ކާމިޔާބީއަށް ސަރުކާރުގެ ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވާކަމަށެވެ. އަދި މި އިންތިޚާބުގައި ވޯޓު ދިން ހުރިހާ ރައްޔިތުންނަށް ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
“ދުޢާއަކީ ޤައުމީ ތަރައްޤީއަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް މި ކުރާ ބުރަ މަސައްކަތުގައި މާތް الله ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލެއްވުން” ނައިބު ރައީސް ވިދާޅުވިއެވެ.
އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި 93 ގޮނޑީގެ ތެރެއިން 71 ގޮނޑި ކާމިޔާބުކޮށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ 20 ވަނަ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ކާމިޔާބުކޮށްފައެވެ.