ދިވެހި ފުލުހުންގެ ލޯގޯ ބޭނުންކޮށްގެން ސްކޭމް ކޯލްތަކެއް ކުރަމުންދާކަން ފާހަގަވެފައިވާކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި މިފަދަ ކޯލުތައް ކުރަމުންދަނީ އެ އިދާރާގެ ލޯގޯ ބޭނުންކޮށްގެން ވަޓްސް އެޕުންނެވެ. އަދި ގުޅަމުންދަނީ ރާއްޖެއިން ބޭރުގެ އެކި ނަމްބަރުތަކުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އާންމުންގެ ބައެއް މީހުންވަނީ މިފަދަ ކޯލުތަކެއް ލިބެމުންދާކަމަށްބުނެ ސޯޝަލް މީޑިޔާގައި ކަންބޮޑުވުންފާޅުކޮށްފައެވެ. އެގޮތުން ފުލުހުންގެ ލޯގޯޖެހި ބޭރުގެ ނަމްބަރަކުން ބައެއް މީހުންނަށް އޯޑިއޯ އަދި ވީޑިއޯ ކޯލުވެސް ކުރަމުންދާކަމަށް ބުނެފައި ވެއެވެ.
ފުލުހުން ވަނީ ރާއްޖެއިން ބޭރުގެ އެއްވެސް ނަމްބަރަކުން ދިވެހި ފުލުހުންގެ ހިދުމަތުން ނުގުޅާނެކަމަށް ބުނެފައެވެ. އަދި މިފަދަ ސްކޭމް ކޯލްތަކަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.