- Advertisement -ad image

ކަލަކު ވޮޑިގެންވާކަމުގެ ކައުނީ ޙަޤީޤަތާމެދު ޝައްކުތައް އުފައްދާ ފަރާތްތައް ވަނީ ގިނަވެފަ: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް

މާތް ﷲ ލައްވާފައިވާ ފިޠުރަތުން އިންސާނާ ބޭރުކުރުމަށްޓަކައި، ކަލަކު ވޮޑިގެންވާކަމުގެ ކައުނީ ޙަޤީޤަތާމެދު ޝައްކުތައް އުފައްދާ ފަރާތްތައް ވަނީ ގިނަވެފަވާ ކަމަށް މިއަދުގެ ޚުޡުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުޡުބާ ހާއްސަކޮށްފައިވަނީ “ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތައް” މި މައުޞޫއު އަށެވެ.

ޚުޡުބާގައި ވަނީ ކަލަކު ވޮޑިގެންވާކަމަށް އީމާންވުމަކީ އިންސާނާގެ ފިޠުރަތުގައި ﷲ تَعَالَى ލައްވާފައިވާ ކަމެއް ކަމަށް ބުނެފައެވެ. އަދި މާތް ﷲ ލައްވާފައިވާ ފިޠުރަތުން އިންސާނާ ބޭރުކުރުމަށްޓަކައި، ކަލަކު ވޮޑިގެންވާކަމުގެ ކައުނީ ޙަޤީޤަތާމެދު ޝައްކުތައް އުފައްދާ ފަރާތްތައް ވަނީ ގިނަވެފައިވާ ކަމަށާއި، އެހެންނަމަވެސް އެއީ އެއްވެސް ބުރަދަނެއްނުވާ ވާހަކަތަކެއްކަން ބުއްދީގެ ހަމަތަކުން ރަނގަޅަށް ވިސްނައިފި ކޮންމެ މީހަކަށްވެސް އެނގޭނެކަމަށް ޚުޡުބާގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ޚުޡުބާގައި ވަނީ އަހަރެމެންގެ ވަށައިގެންވާ ކައުނުގައި ހިނގަހިނގާ ހުންނަ އެކިއެކި ނިޒާމުތަކަށް ބަލާލުމުން ފެންނަނީ ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތައް ކަމަށާއި، ފުރިހަމަ ނިޒާމެއްގެ ތެރޭގައި ދުނިޔޭގެ ހުރިހާ ކަމެއް، ވަކި ޤާނޫނެއްގެ ދަށުން ހިނގަހިނގާ ހުންނަކަމީ އެއްވެސް ފަރާތެއްގެ ހިންގުމަކާއި ބެލެހެއްޓުމެއްނެތި، އިއްތިފާޤަކުން ހިނގާ ކަމެއް ކަމުގައި އިންސާނާގެ ސަލާމަތް ބުއްދި ޤަބޫލެއް ނުކުރާކަމަށް ބުނެފައެވެ.

“ފެންނަންހުރި މި ހެކިތަކާމެދު ވިސްނާ ފިކުރުކުރުމަށް ޤުރްއާނުގެ އެތައް ތަނެއްގައި ﷲ تَعَالَى ވަނީ އަންގަވާފައެވެ. ﷲ تَعَالَى ވަޙީކުރައްވާފައިވާ ވަޙީބަސްފުޅެއްގެ މާނާގައި ވެއެވެ. “ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތުވުމުގައްޔާއި، މީސްތަކުންނަށް މަންފާކުރާ ތަކެއްޗާއިގެން ކަނޑުމަތީގައި ދުވާ އުޅަނދުތަކުގައްޔާއި، الله އުޑުން ވެއްސެވި ފެނުގައްޔާއި، ފަހެ، ބިން މަރުވެ އޮތުމަށްފަހު އެފެނުގެ ސަބަބުން ބިމަށް ދިރުން ދެއްވައިފުމާއި، އަދި ހިނގައިބިނގައިއުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭތަކެތި، އެ ބިމުގައި ފަތުރުއްވައިފުމާއި، އަދި އެކި ފަރާތްފަރާތުން ޖެހޭގޮތުގައި ވައިޖެއްސެވުމުގައްޔާއި، އުޑާއި ބިމާ ދެމެދު ކިޔަމަންކުރައްވާފައިވާ ވިލާގައި، ވިސްނާބަޔަކަށް ކަނޑައެޅިގެންހުރި ހެކިތަކެއް ވާކަން ކަށަވަރެވެ.”[1] [1] البقرة: 164” ޚުޡުބާގައި ބުނެފައިވެއެވެ.

ޚުޡުބާގައި ވަނީ ޢަލްމާނިއްޔަތުގެ ފާސިދު ފަލްސަފާގެ ތެރެއިން ފަށާފައިވާ ވަރުގަދަ ފިކުރީ ހަނގުރާމާގައި، ޒުވާނުންގެ ސިކުނޑިތައް ދޮވެލައި، ސިޔާސަތާއި ދިރިއުޅުމުގެ ތެރެއިން ދީން ވަކިކޮށް، ކަލަކު ވޮޑިގެން ނުވާކަމުގެ ޝުބުހާތައް ޒުވާނުންގެ ސިކުނޑިތަކަށް ވައްދަމުންދާކަމަށް ބުނެފައެވެ. އޭގެތެރޭގައި ދަޢުވާކުރާ ކަލާނގެ ނުފެންނަނީ ކީއްވެތޯ ސުވާލުކުރުމާއި، ނުފެންނަ ނުވަތަ ޙިއްސުތަކުން އިޙުސާސްނުވާ ތަކެތި ޤަބޫލު ކުރުމަކީ ބޯދާ ކަމެއްކަމުގައި ވިސްނައިދޭން މަސައްކަތްކުރާކަމަށް ޚުޡުބާގައި ވަނީ ބުނެފައއެވެ.

އެހެންނަމަވެސް އެ ވާހަކަތަކަކީ ތާކުންތާކުޖެހޭ ވާހަކައެއް ނޫންކަމަށް ޚުޡުބާގައި ވަނީ ބުނެފައެވެ. އަދި ފެނުމަކީ ނުވަތަ ޙިއްސުތަކުން ސީދާގޮތެއްގައި އިޙުސާސްވުމަކީ، އީމާންވުމަށް ނުވަތަ ކަމެއް ޤަބޫލުކުރުމަށް ވާ ޝަރުޠެއް ނޫންކަމަށްވެސް ޚުޡުބާގައި ބުނެފައި ވެއެވެ.

“ބުއްދިއަކީ ހުންނަ އެއްޗެއް ކަމަށް އެންމެން ވެސް ޤަބޫލު ކުރެއެވެ. ނަމަވެސް ބުއްދި އަކީ ފެންނަ ނުވަތަ އިޙްސާސް ވާ އެއްޗެއް ނޫނެވެ. އަދި ސިކުނޑިއެއް ވާ ކޮންމެ އެއްޗަކީ ބުއްދި ކުރެވޭ އެއްޗެއްވެސް ނޫނެވެ.” ޚުޡުބާގައި ބުނެފައި ވެއެވެ.

އެހެންކަމުން ނުފެންނަ އަދި އަތްނުލެވޭ ކޮންމެ އެއްޗަކީ ވުޖޫދުގައިނުވާ އެއްޗެއްކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމަކީ ޞައްހަ ޤަބޫލުކުރުމެއްނޫންކަމަށް ޚުޡުބާގައި ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ