ކުޑަގިރި އިތުރު ވަސީލަތްތަކާއެކު ތަރައްގީކުރުމުގެ މަސައްކަތް އެޗްޑީސީއިން ކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ސަރުކާރުން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރި ކުޑަގިރި އޮންނަނީ އެޗްޑީސީގެ ބެލުމުގެ ދަށުގައެވެ. އަދި އެ ރަށް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރައްވަމުން ދާކަމަށް ފަޒުލް ވިދާޅުވެފައި މިވަނީ އެރަށުގައި މިހާރު ހުރި ވަސީލަތްތައް މަދުކަމާއި ހުރި ދަތިތަކާ ގުޅިގެން އާންމުން ޝަކުވާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.
“އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ފަޒުލް ވިދާޅުވީ ކުރިމަގުގައި ކުޑަގިރިން ރައްޔިތުންނަށް ވަރަށް ފުރިހަމަ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ.
މާލޭން ފުރައިގެން ލޯންޗެއްގައި 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި ތަރައްގީކޮށްފައިވާ ކުޑަގިރި އަކީ ހިއްކައިގެން ތަރައްގީކުރި ދަތުރުދާން ހާއްސަ ރަށެކެވެ. އެ ރަށް ތަރައްގީކުރީ އެމްޓީސީ އާއި އެޗްޑީސީ އާއި އެމްޑަބްލިއެސްސީ އާއި ފެނަކަގެ އިތުރުން ސްޓެލްކޯ ގުޅިގެންނެވެ.