19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން 92.95 އިންސައްތަ މަސައްކަތް ނިންމައި، މަޖިލީހުގެ މި ދައުރު އިއްޔެ ނިންމާލައިފިއެވެ.
މަޖިލީހުގައި ކުރި މަސައްކަތްތަކުގެ ރިޕޯޓު އިއްޔެވަނީ ރައްޔިތުން މަޖިލީހުން އާންމުކޮށްފަ އެވެ. އެގޮތުން މެއި 28، 2019 ގައި 19 ވަނަ މަޖިލީހުގެ ޖަލްސާތައް ފެށި ފަހުން މިހާތަނަށް 530 ޖަލްސާ ބޭއްވިއިރު، ޖަލްސާތަކުގައި ޖުމްލަ 1،461 ގަޑިއިރު ހޭދަކުރެވިފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ. އަދި، މަޖިލީހުގެ ކޮމިޓީތަކުގެ 3،784 ބައްދަލުވުން ބޭއްވިފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައި ވެއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 19 ވަނަ މަޖިލީހުގައި ބިލުތަކާއި ޤަރާރުތަކާއި އެހެނިހެން މައްސަލަތައް ހިމެނޭހެން ޖުމްލަ 1،291 މަސައްކަތް ވަނީ ކޮށްފައެވެ. އޭގެ ތެރެއިން 1،200 މަސައްކަތް ވަނީ ނިންމާލާފައެވެ.
މި ދައުރުގައި މަޖިލީހަށް 210 ބިލެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން 178 ބިލެއްގެ މަސައްކަތް ނިންމާލާފައިވާއިރު، ހުށަހެޅި 92 ޤަރާރުގެ ތެރެއިން 73 ޤަރާރެއްގެ މަސައްކަތް ވަނީ ނިންމާލާފައެވެ.
ސަރުކާރުން ހުށަހެޅި 156 މައްސަލައެއްގެ ތެރެއިން 152 މައްސަލައެއް ވަނީ ނިންމާލާފައެވެ.