މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް 26 ރަށަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވާކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެފައިވަނީ މިއަހަރު އަޟްހާ އީދު ފާހަގަ ކުރުމަށް ރާއްޖޭގެ ތިން ރަށެއް ކަނޑައެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރަށްތައް ކަނޑައެޅުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި، އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކުރާނެ ޚަރަދުތަކާއި، އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައްތައް ހިމެނޭ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
ޢީދު ފާހަގަކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި ރަށްތަކަށް ބަލާއިރު، ރާއްޖޭގެ އުތުރުން 7 ރަށަކާއި، މެދު ރާއްޖެތެރެއިން 10 ރަށަކާއި، ދެކުނުން 9 ރަށަކާއެކު ޖުމްލަ 26 ރަށެއް ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ. ނަމަވެސް އެ ރަށްތަކުގެ ނަމެއް ހާމައެއް ނުކުރެވެ.
ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ އަޟްހާ އީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމަށް އެ ވުޒާރާއިން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށް ބުނެފައެވެ. އަދި ބުނެފައިވަނީ ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މީގެއިތުރުން މާކްސް ދިނުމުގެ ކަންކަން ނިންމައި، ކަނޑައެޅޭ ރަށްތަކަށް ފެށޭ ހަފްތާގެ ތެރޭގައި އެންގުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.