ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ޝާމިން ޙަބީބު މިއަދު ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރެންދޫ ދާއިރާއަށް ޝާމިން ވާދަކުރެއްވީ އަމިއްލަގޮތުންނެވެ. ފަސް ކެންޑިޑޭޓުން ވާދަކުރެއްވި ކުރެންދޫ ދާއިރާގެ ގޮނޑި ޝާމިން ކާމިޔާބު ކުރެއްވީ 742 ވޯޓު ހޯއްދަވައިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް ކާމިޔާބުކުރި ހަ އިންތިހާބީ މެންބަރުން މީގެ ކުރިންވެސް ވަނީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފައެވެ.

ސަރުކާރާ ގުޅިގެން މަސައްކަތްކުރާ ޖުމްހޫރީ ޕާޓީއަށް ގޮނޑިއެއް، އެމްއެންޕީއަށް ގޮނޑިއެއް، އަދި އެމްޑީއޭއަށް ދެ ގޮނޑި ލިބުނެވެ. އެއިން ތިން ގޮނޑިއަކީ ޕީއެންސީން ވާދަނުކުރާ ހަމައެކަނި ދާއިރާތަކެވެ. އެހެންކަމުން, މުޅި ޖުމުލަ ރައީސް މުއިއްޒުގެ ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ 77 މެމްބަރުން ތިއްބަވާނެ އެވެ.
ވިހިވަނަ މަޖިލީހުގެ މެންބަރުން ހުއްވާ ކުރައްވާނީ މެއި 28, ގަ އެވެ.