ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.363 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ. މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލާ ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.
މޯލްޑިވްސް ކަސްޓަމްސްއިން ބުނީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.363 ކިލޯ ހުރިއިރު، އެ ތަކެތީގެ މަގުމަތީ އަގު 500،000 ރުފިޔާއަށް އަރާ ކަމަށެވެ.
މިދިޔަ އެޕްރީލްމަހުގެ 28 ވަނަ ދުވަހު ވައިގެ މަގުން އެތެރެކޮށްފައިވާ ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބާވަތެއް ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން މިތަކެތި ތަހުލީލު ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތްއެމްފަޓަމައިން އަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް އެ އޮތޯރިޓީން ހާމަކުރެއެވެ. .