ފާއިތުވެދިޔަ ހަމަސްދުވަސްތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުން ޖުމްލަ 35 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ފުލުހުން މިއަދު ވަނީ ފާއިތުވެދިޔަ ހަމަސްތެރޭގައި ކޮށްފައިވާ މަސައްކަތްތަކަށް ކުރުގޮތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން މި މުއްދަތުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފުލުހުންފާހަގަކޮށްފައި ވެއެވެ.
ފުލުހުން ވަނީ ފާއިތުވި ހަމަސްތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް 309 އޮޕަރޭޝަން ހިންގައި 35 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ. އަދި ވައްކަމުގެ އެކި މައްސަލަތަކުން ހަތަރު މިލިއަނެއްހައި ރުފިޔާ އަނބުރާ ހޯދާފައިވާއިރު ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ތެރެއިން ޖިނާއީ ކުށްތަކުގައި ޝާމިލުވި 50 މީހަކު ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި މުއްދަތުގައި ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 554 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު، ކުރިން ތަހުގީގު ކޮށްފައިވާ 42 މައްސަލައެއްގައި ކޯޓު މަރުހަލާގައި ހުކުމްތައް ކޮށްފައިވެއެވެ. އަދި އެކި އެކި މައްސަލަތަކުގައި 3691 މީހުން ހައްޔަރުކޮށްފައިވެއެވެ.



