ޖަމިއްޔާތަކުގެ މަހާސިންތާ މި މަހު ބާއްވަން ތައްޔާރުވެއްޖެ އެވެ.
ހުވަދު އަތޮޅުއުތުރުބުރީގައި މިމަހު ފަށަން ތައްޔާރުވެފައިވާ މި މަހާސިންތާއަކީ މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައުއެއް ބިނާކޮށް ފަހި ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަހާސިންތާއެކެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރާ އިން ވިދާޅުވީ މި މަހާސިންތާ އޮންނާނީ މިމަހުގެ 25 ން 27 އަށް ގއ. ވިލިގިލީ ތައުލީމީ މަރުކަޒުގެ ހޯލުގައެވެ. އަދި ޖުމުލަ 6 ފަރާތަކުން ތަފާތު އެކި އެކި މައުޟޫއުތަކަށް ސެޝަންތައް ނަގާދިނުމަށް ހަމަޖެހިފައިވެއެވެ.
މި މަހާސިންތާގައި ގައުމީ ތަރައްގީއާއި، މުޖުތަމައުގައި (ވަކިވަކި ރަށްރަށުގައި އާއި އަތޮޅު ތެރޭގައި) ހިގަމުންދާ އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ޖަމްއިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމްއިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމަށް ރާވާފައި ވެއެވެ.
ޖަމިއްޔާތަކުގެ މަހާސިންތާގައި ގއ. އަތޮޅަށް ނިސްބަތްވާ މަދަނީ ޖަމްޢިއްޔާތަކާއި ރަށްރަށުގެ ރަށު ކައުންސިލްތައް ބައިވެރިވާނެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕމެންޓް، ދިވެހި ފުލުހުންގެ ހިދުމަތާއި ގއ. އަތޮޅުގައި ހަރަކާތްތެރިވާ މުއައްޒަފުން ވެސް ބައިވެރިވާނެއެވެ.