މީޑިއާ ވިލެޖް އެއްކޮށް ނިމިގެން އަންނައިރު ޓީވީ ސްޓޭޝަންތަކަށް ޖާގަ ތަނަވަސް ތަނެއް ހަމަޖެހިގެންދާނެ ކަމަށާއި ރަނގަޅު ފެންވަރުގެ ސްޓޫޑިއޯތައް ޤާއިމުކުރެވޭނެ މަގު ވެސް ފަހިވެގެންދާނެ ކަމަށް ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެ އެވެ.
ޔޫތް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްވާޑު ވިދާޅުވީ މީޑިއާ ވިލެޖް އެޅުމުގެ ކަރުދާހަށް ކެބިނެޓްގެ ރުހުން ލިބި ފާސްވެފައިވާ ކަމަށާއި ވަރަށް އަވަހަށް އެތަނުގެ މަސައްކަތް ފެށޭނެކަމަށެވެ.
އަސްވާޑް ވިދާޅުވިގޮތުގައި މީޑިޔާ ވިލެޖް ޤާއިމްކުރާނީ ނޫސް ކޮންފަރެންސްތައް ބޭއްވޭގޮތަށް ފައިބަރ އަޅައިގެންނެވެ. މީގެއިތުރުން އެތަނުގައި ނޫސްވެރިންނަށް ކޮފީ ބޯނެ ތަނަކާއިޖިމެއް ވެސް ޤާއިމުވެގެންދާނެ ކަމަށް އަސްވާޑު ވިދާޅުވިއެވެ.
އަސްވާޑް ވިދާޅުވިގޮތުގައި އެތަނުގެ މީޑިޔާ ވިލެޖްގެ ކުރެހުން ތައްޔާރުކޮށްފައިވާނީ އެތަނުގައި ދެތިން ސައިޒެއްގެ ސްޓޫޑިއޯތައް ހެދޭ ވަރަށެވެ. އަދި އެ ސްޓޫޑިޔޯތައް ޕްރައިވެޓް ޓީވީ ސްޓޭޝަންތަކަށްވުރެން ޖާގަ ބޮޑުވާނެ ކަމަށާއި، ނޫސްތައް ހިންގާ ފަރާތްތަކަށް ވެސް ޖާގަ ހަމަޖެހިގެންދާނެކަމަށް ވިދާޅުވެފައި ވެއެވެ.
މީޑީއާތައް ހިންގުމަށް ދައުލަތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ނިންމަވާފައި ވެއެވެ.