ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާާއި ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމްގެ ރިޔާސަތުގައި ފެށިގެން މިދާ އާ ދައުރަކީ، ދިވެހީންނަށް ނަފާވެރި، ކާމިޔާބު ދައުރަކަށް ވެގެންދާނެކަމަށް ނައިބު ރައީސް ހުސެއިން ލަތީފު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައި ވަނީ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބް ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމް އިންތިހާބުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ނައިބު ރައީސް ވަނީ މި ދެބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މަޖިލީހުގެ ރައީސްކަމަށް އަދުރޭ އަދި ނައިބު ރައީސްކަމަށް ނާޒިމް އިންތިހާބު ކުރައްވަން ރައީސް ހުށަހަޅުއްވާފައިވަނީ ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި، ޕީއެންސީގެ މަޖިލިސް މެމްބަރުންނާއި އެ ޕާޓީގެ އިންތިހާބީ މެމްބަރުންނާއި އެކު މިއަދު މުލިއާގޭގައި ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިންނެވެ.