ށ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުމަށް އިމިގްރޭޝަންގެ ޓީމް ށ. ފުނަދޫއަށް ގޮސްފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ދާދިފަހުން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ޕާސްޕޯޓުގެ ހިދުމަތް ދޭން ނިންމާފައިވާކަން ހާމަކޮށްފައެވެ. އަދި މި ހިދުމަތް ފުޅާކުރުމަށް ނިންމީ އަތޮޅު ތެރެއިން ކޮންމެ މަހަކު، ޕާސްޕޯޓުގެ ހިދުމަތް ހޯދުމަށް 1،200 އެއްހާ މީހުން މާލެ އަންނަ ޖެހި، ޕާސްޕޯޓު ހެއްދުމަށް ހޭދަވާ އަދަދަށް ވުރެ ޕާސްޕޯޓު ނަގަން މާލެ އައުމަށް ކުރާ ހޭދަ ބޮޑުވާތީ ކަމަށް އިމިގްރޭޝަނުން މީގެކުރިން ބުނެފައެވެ.
ސަރުކާރުން އަމާޒު ހިފާފައި ހުރީ އެއް ފަހަރާ ހުރިހާ ރަށެއްގައި މި ހިދުމަތް ނުފެށުނަސް، އެކަމަށް ފުރަތަމަ އެދިފައިވާ ރަށްރަށަށް އިސްކަންދީގެން ކުރިއަށް ގެންދާށެވެ.
އިމިގްރޭޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ވައުދުފުޅު ޙާޞިލުކުރެއްވުމަށް ޓަކައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުދާކަމަށް ބުނެފައެވެ.