އޭޕްރިލް މަހު ޒަކާތު ފަންޑުން 168 މީހަކަށް ސިއްހީ ކަންކަމުގައި އެހީތެރިވެފައިވާކަމަށް ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އޭޕްރިލްމަހު އެންމެ ގިނައިން އެހީ ހޯދާފައިވަނީ ކެންސަރު ޕޭޝަންޓުންނެވެ. އެފަދަ ފަރާތްތަކަށް 373،175ރ ދޫކޮށްފައިވާއިރު، ހަށިގަނޑުގެ ބައެއް ފިހިގެން ފަރުވާ ހޯދާ ފަރާތްތަކަށް 165،446.25ރ. އަދި ހިތުގެ އޮޕަރޭޝަންތަކަށް 106،012.50ރ ހޭދަކޮށްފައި ވެއެވެ.
ޒަކާތު ހައުސް އިން ވަނީ ބޭސްފަރުވާގެ އިތުރުން ޒަރޫރީގެ އެހީގެ ގޮތުގައި އާއި ސްކޮލާޝިޕްތަކަށް ހަރަދުކޮށްފައެވެ. އަދި އެހީގެ ގޮތުގައި ހަރަދުކުރުމަށް އެ ފަންޑުންވަނީ 1.5 މިލިއަން ރުފިޔާ ހަމަޖައްސާފައެވެ.
މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންނަށް ޖުމްލަ 9.2 މިލިއަން ރުފިިޔާ ހޭދަ ކޮށްފައި ވެއެވެ.



