ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބުރައީސް ހޮވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މަޖިލީހުގެ ރައީސާއި ނައިބު ހޮވުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާއެވެ. މި ޖަލްސާ އޮންނާނީ ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިޚާބުވި މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތައް ފަހުއެވެ. އެ ރަސްމިއްޔާތު އޮންނާނީ މާދަމާގެ 9:00 ގައެވެ.
މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ މިޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެންބަރު ސިޔާމް ކަމަށެވެ.
ޤާނޫނުއަސާސީގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުގެ ރައީސަކާއި ނައިބުރައީސެއް، އެ މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިޚާބުކުރާންވާނެ ކަމަށެވެ.
މަޖިލީހުގެ ރައީސާއި ނައިބުރައީސް އިންތިޚާބުކުރެވެންދެން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ އެ ޖަލްސާއަށް ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރެއް ކަމަށްވެސް ޤާނޫނުއަސާސީގައި ބުނެފައިވެއެވެ. އަދި މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ ގިނަ މެންބަރުންތަކެއް ތިބިނަމަ، ރިޔާސަތު ބަލަހައްޓާނީ އެ މެންބަރުންގެ ތެރެއިން އުމުރުން އެންމެ ދޮށީ މެންބަރެއް ކަމަށްވެސް ބަޔާން ކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ. އަދި އެޕާޓީން ނިންމާފައިވަނީ މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބުރައީސްގެ މަގާމަަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ނާޒިމް ހޮވުމަށެވެ.