ޔޫޓިލިޓީ ޚިދުމަތް ފިޔަވައި، ރާއްޖޭގެ އެކި ކުންފުނިތަކާއި ފަރާތްތަކުން ހޯދާފައިވާ ހުރިހާ ޚިދުމަތަކަށް ފައިސާ ދައްކާ ޚަލާސްކޮށްފައިވާކަމަށް ޕަބްލިކް ސަރިވިސް މީޑިއާ ޕީއެސްއެމުން ބުނެފިއެވެ.
ޕީއެސްއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ ކުންފުނީގެ އައު މެނެޖްމަންޓް މިދިޔަ އަހަރުގެ ނޮވްމެމްބަރު މަހުގެ 28 ވަނަ ދުވަހު ހަވާލުވުމާ ހިސާބުން ފެށިގެން މިމަހުގެ 28 ނިޔަލަށް ރާއްޖޭގެ އެކި ކުންފުނިތަކަށް ދައްކަންޖެހޭ ދަރަނި ދައްކާ ޚަލާސްކޮށްފައިވާކަމަށެވެ.
ޒީނާ ވިދާޅުވީ އައު މެނޭޖްމަންޓް ހިންގުމާ ހަވާލުވުމާ ހަމައަށް 261 މިލިޔަން ރުފިޔާ ދަރަނީގެ ގޮތުގައި އޮތްކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައްކަންޖެހޭ 122 މިލިޔަން ރުފިޔާ ދަރަނީގެ ގޮތުގައި އޮތްކަން ޒީނާ ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް ދަރަނީގެ ގޮތުގައި ދައްކަންޖެހޭ 26 މިލިޔަން ރުފިޔާގެ ދަރަނި އޮތްކަން ފާހަގަކުރައްވާ ޒީނާ ވިދާޅުވީ ބައިނަލްއަޤްވާމީ އެކި ފަރާތްތަކަށްދައްކަންޖެހޭ 24 މިލިޔަން ރުފިޔާއާއި، ލޯނުގެ ގޮތުގައި ނަގާފައިވާ 87 މިލިޔަން ރުފިޔާ ދައްކަންޖެހޭކަމަށެވެ.
ޒީނާ ވިދާޅުވީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދަރަނީގެ ގޮތުގައި ދައްކަން އޮތް ފައިސާގެ ތެރެއިން 9 މިލިޔަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ފަރާތްތަކަށް 2 މިލިޔަން ރުފިޔާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް 4 މިލިޔަން ރުފިޔާ ދައްކާފައިވާކަމަށެވެ.
އަދި ކޯޓު މަރުޙަލާގައި ކުރިއަށްދިޔަ މައްސަލަތަކުން ދައްކަންޖެހޭ 2 މިލިޔަން ރުފިޔާވެސް ދައްކާފައިވާކަން ޒީނާ ފާހަގަކުރެއްވިއެވެ.
މި މުއްދަތުގައި ޚަރަދުކުޑަކުރުމަށްޓަކައި ކުންފުނީގެ ހިންގުމަށް ކުރާ ހޭދައިގެ %20 ކުޑަކޮށްފާވާކަމަށް ޒީނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކުންފުނިން ނަގައިފައިވާ ބައެއް ބްރޯޑްކާސްޓް ފްރިކުއެންސީއާއި ބައެއް ލައިސަންސް ފީގެ އިތުރުން، މިފަދަ ބައެއް ފިކުރީ މުދަލަށް ވޭތުވެދިޔަ ތަނުގައި ފައިސާ ދައްކާފައިނުވުމުގެ ސަބަބުން އަރަމުންދާ ޖޫރިމަނާ ކުޑަކުރުމަށްޓަކައި ބައެއް ފްރިކުއެންސީއާއި ބައެއް ލައިސަންސް ދޫކޮށްލަން، ކަމާ ގުޅޭ އިދާރާތަކަށް ހުށައަޅަފައިވާކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވިއެވެ. އަދި ކުންފުނީގެ ބޭރުން މީހުން ނަގައިގެން ކުރަމުން ދިޔަ ގިނަ މަސައްކަތްތައް އިންޓަރނަލައިޒްކޮށް، މިފަދަ މަސައްކަތްތަކަށް ކުންފުނީގެ ދާއިމީ މުވައްޒަފުން ބޭނުންކުރަން ފަށްޓަވާފައިވާކަމަށްވެސް ޒީނާ ވިދާޅުވިއެވެ.
ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ޕީއެސްއެމުން ވަނީ ކުންފުނީގެ އާމްދަނީ އިތުރުކުރުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިކަމަށް ޒީނާ ވިދާޅުވިއެވެ.