އިއްޔެ މައްކާއަށް ދިޔަ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕްގައި ހިމެނޭ ހުރިހާ ޙާޖީން ވެސް ތިބީ ހެޔޮ ހާލުގައި ކަމަށް ދިވެހި ޙައްޖު މިޝަންގެ ޑިރެކްޓަރ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛު އުސާމް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މައްކާގައި ޙާޖީން ތިބުމަށް ހަމަޖެހިފައިވާ ހޮޓެލްގައި ހުންނަވައިގެން އުސާމް ދެއްވި ބަސްދީގަތުމެއްގައި ވަނީ އެއާޕޯޓުގައި ވެސް މާބޮޑު މައްސަލަތަކެއް ދިމާނުވާކަން ފާހަގަކުރައްވާފައެވެ.
އުސާމް ވަނީ ހުރިހާކަމެއްވެސް ފުރިހަމައަށް އިންތިޒާމްވެގެން ދަނީ ގިނަ ބައެއްގެ އެހީތެރިކަމާއެކުގައިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސައުދީ އަރަބިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ބޭފުޅުންނާއި، ޖިއްދާގައި ހުންނަ ކޮންސިއުލޭޓްގެ ބޭފުޅުންނާއި އަދި ހައްޖު ކޯޕަރޭޝަންގެ އެހީތެރިންނާއި ހައްޖު މިޝަން ޓީމުގެ އެހީތެރިކަން ފާހަގަކުރައްވާފައި ވެއެވެ.
މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕްގައި، 298 މީހަކު ވަނީ އިއްޔެ ފުރާފައެވެ. މި އަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަން ހަމަޖައްސާފައިވާއިރު، އެހީތެރިން ނުލައި ޖުމްލަ 980 މީހުން ހައްޖަށް ދާނެކަމަށް ހައްޖު މިޝަނުން ބުނެފައި ވެއެވެ.