ކުރިއަށް އޮތްތަނުގައި ޙައްޖަށް މީހުން ގެންދިއުމަށް ނަގާ އަގު 50،000 ރުފިޔާއަށް ކުޑަކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގަ ޝަކީލް ވިދާޅުވީ ވަރަށް އަވަހަށް ޙައްޖު ކޯޕަރޭޝަނަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އެއާއެކު ރައީސް ޑރ. މުހއްމަދު މުއިއްޒުގެ ތަޞައްވުރާ އެއްގޮތަށް ޙައްޖަށް މީހުން ގެންދާ އަގު ކުޑަކުރެވިގެންދާނެކަމަށް ޝަކީލް ވިދާޅުވިއެވެ.
މިހާރު ޙައްޖު ދަތުރެއް ކޮށްދެނީ 69,965 ރުފިޔާއަށެވެ. އެހެންނަމަވެސް، ރައީސްގެ އެދިވަޑައިގަތުމުގެ މަތިން މި އަގު ކުރިއަށް އޮތް 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ކުޑަކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޝަކީލް ވިދާޅުވިއެވެ.
ޝަކީލް ވަނީ ޙައްޖު ކޯޕަރޭޝަން މިވަގުތު ހިންގަމުން ދަނީ ގެއްލުމެއްގައިކަން ފާހަގަކުރައްވާފައެވެ. އަދި ކުންފުންޏަށް ފައިދާ ހޯދާ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވެސް ޝަކީލް ފާހަގަކުރެއްވިއެވެ.
އަދި އެކަމަށްޓަކައި ރިއަލްއެސްޓެޓް ވިޔަފާރީގެ ދާއިރާއަށް ވަނުމުގެ މަސަައްކަތް ފަށާފައިވާ ކަމަށާއި، ހުޅުމާލެއިން ބިމެއް ގަނެ އެތަން ތަރައްޤީކުރުމުގެ މަރުހަލާގައި އޮތްކަން ފާހަގަކުރެއްވިއެވެ.
މި ސަރުކާރު އައުމަށްފަހު ވަނީ ޙައްޖަށް މީހުންގެ ގެންދިއުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާ ހަމައެކަނި ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމާފައެވެ.