ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދުގައި މީހެއްގެ އަތުން ފޭރުނު ބަޔަކު ހިފަހައްޓާ ބަރަހަނާކޮށްފައި ވަނިކޮށް، ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލެ ފޭސް2 ގެ އެޗް1 ފްލެޓް ކައިރިން މީހެއްގެ އަތުން ފައިސާ ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭކަމަށް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ހަތަރު މީހަކު ހެދުން ބާލުވާފައި ޓަވަރުން ބޭރުގައި ސިޑި މަތީގައި ތިބޭތަން ފެންނަ ފޮޓޯ އަދި ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި މިއަދުވަނީ ދައުރުވާން ފަށާފައެވެ. އެ މީހުން ތިބީ މޫނު ފޮރުވައިގެންނެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން 4 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ 32 އަހަރުގެ ދެ މީހުންނާއި 36 އަހަރުގެ މީހަކާއި 45 އަހަރުގެ މީހެކެވެ. މި އެންމެނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން މައުލޫމާތު ސާފު ކުރުމުން ހިފަހައްޓާފައި ތިބި މީހުން އެހެން މީހެއްގެ އަތުން އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާ ކަަމަށް މައުލޫމާތު ލިބިފައިވާ ކަަމަށް ވިދާޅުވެފައެވެ.
މި މައްސަލަ ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.



