ހިއުމަންޓްރެފިކިންގެ މައްސަލަތަކުގައި ފުރިހަމަ ފިޔަވަޅުތައް އެޅުމަށް ފުލުހުންގެ ކިބައިން ދާޚިލީ ވަޒީރު އަލީ އިހުސާން އެދިވަޑައިގެންފި އެވެ.
މިއަދު ބޭއްވި ދިވެހި ފުލުހުންގެ ޚިދުމަތުގެ، ކުރިއަށް އޮތް ފަސްއަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދާޚިލީ ވަޒީރު އިހްސާން ވަނީ ރާއްޖޭގައި ޤަވާއިދާއި ހިލާފަށް ބިދޭސީ އުޅުމުގެ ސަބަބުން އެތަކެއް އިޖްތިމާއީ މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
އަދި އެ މައްސަލަތައް ބޮޑުވަމުން ގޮސް ބައެއް ރަށްރަށުގައި ނަސްލު އޮޅޭ ހިސާބަށް ކަންތައް ގޮސްފައިވާކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ. އަދި ބަައެއް ވިޔަފާރިތައް ދިވެހިންގެ އަތުން އެއްކޮށް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ހިއުމަން ޓްރެފިކިން އަކީ މިޙާރު ރާއްޖޜގައި ވިޔަފާރިއެއްގެ ގޮތުގައި ކުރާކަމެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ.
“ޒަމާން ހިނގައްޖެ އޭގައި ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީއެއްގެ ވާހަކަ ފުލުސް އޮފީހަށް ގެނައީމަ އެއީ ތިމަންނަމެންގެ ކަމެއް ނޫނޭ، އެއީ ތިމަންނަމެންގެ ޒިންމާއެއް ނޫނޭ އިމިގްރޭޝަންގެ ޒިންމާއެކޭ ބުނުން. އެ ދުވަސް މިހާރު ދިޔައީ” ވަޒީރު ވިދާޅުވިއެވެ.
ދާޚިލީ ވަޒީރު އިހްސާން ވަނީ ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އިމިގްރޭޝަނާއި ގުޅިގެން ހައްލު ކޮށްދިނުމަކީ މިއަދު ރަސްމީކޮށް ދިވެހި ފުލުހުންނާއި މަތިކުރެވިފައި އޮތް އެއް ޒިންމާ ކަމަށެވެ.
އަދި ހިއުމަން ޓްރެފިކިންގައި މިހާރު ވަމުންދާ ކަންކަން ބަލާ ފިޔަވަޅު އެޅުމަށް ވަޒީރު ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ވަޒީރު ވަނީ ބިދޭސީ މަސައްކަތްތެރީންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ -/1،765،704،400ރ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރިކަން ފާހަގަކުރެވިފައިވާކަމަށާއި، މި ފައިސާއަކީ ގާތްގަނޑަކަށް ފުލުހުންގެ އެއް އަހަރުގެ ބަޖެޓުކަމަށް ވިދާޅުވި އެވެ.