“ކޫލް ސްކޫލް” ޕްރޮޖެކްޓްގެ ތެރެއިން ދަރިވަރުން އުނގެނުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުއްލަޠީފް މުޙައްމަދު ވިދާޅުވެއްޖެ އެވެ.
’ކޫލް ސްކޫލް‘ ޕްރޮޖެކްޓާ ގުޅޭ ގޮތުން ޕީއެސްއެމްގެ “ހެނދުނު ހެނދުނާ” ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ލަތީފު ވިދާޅުވީ “ކޫލް ސްކޫލް” ޕްރޮޖެކްޓަކީ ހަމައެކަނި އޭސީ ހަރުކޮށްފައި ޕްރޮޖެކްޓް ނިންމާލުން ނޫންކަމަށެވެ. އަދި ’ކޫލް ސްކޫލް‘ ޕްރޮޖެކްޓަކީ އެއަށްވރުރެ މާ ފުޅާ ޕްރޮޖެކްޓެއްކަމަށް ލަތީފު ވިދާޅުވިއެވެ.
އެގޮތުން މި ޕްރޮޖެކްޓްގެ އެންމެ ބޮޑު ބޭނުމަކީ މުޅި ސްކޫލްގެ މާހައުލަކީ “ކޫލް” މާހަހައުލަކަށް ހެދުން ކަމަށާއި، މި ޕްރެޖެކްޓްގެ ދަށުން އުނގެނުމާއި އުނގަންނައިދިނުމަށް ފަހި މާހައުލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށް ލަތީފް ވިދާޅުވިއެވެ.
އަދި ދަރިވަރުން އެކަކު އަނެކަށް އިހްތިރާމްކުރުމުގެ އާދަ އަށަގެންނެވުމާއި، މުދައްރިސުންނާއި މުޅި ސްކޫލްގައި މަސައްކަތްކުރާ އެންމެންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީ މަސައްކަތްތަކެއް ކުރައްވާނެކަމަށް ލަތީފް ވިދާޅުވިއެވެ. އަދި މުޅި ޕްރެޖެކްޓްގެ ތެރެއިން އުނގެނުމާއި އުނގަންނައިދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށާޢި، ސްކޫލްގެ ގޯތިތެރެ ފެހކޮށް އަދި ދަރިވަރުންނަށް ހިންގާ ހަރަކާތްތަކަށް އެކަށީގެންވާ މާހައުލަކަށް ހެދުމަކީ ވެސް މި ޕްރޮޖެކްޓްގެ އެއް ބޭނުންކަމަށް ލަތީފް ވިދާޅުވިއެވެ.
“ކޫލް ސްކޫލް” ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް ވަނީ ކ. މާފުށީ ސްކޫލްގެ ހުރިހާ ކްލާސްރޫމެއް އޭސީ ކޮށްފައެވެ. މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށް މިއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރު ހުރިހާ ސްކޫލެއް އޭސީ ކުރުމަށް މިނިސްޓްރީއިން އަމާޒު ހިފާފައެވެ.