ބޮޑު ޢީދަށް މާލެ ސަރަހައްދުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.
ޢީދާއި ދިމާކޮށް ރަށްތަކުން ލައިޓްތަކުން ޒީނަތްތެރިކޮށް ތަކުބީރުގެ އަޑުން ގުގުމާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މީގެކުރިން ވަނީ ވިދާޅުވެފައެވެ. އަދި ހުސްވި ފިތުރު ޢީދާއި ދިމާކޮށް ވެސް ވަނީ އަތޮޅުތެރޭގެ ގިނަ ރަށްތަކާއި މާލެ ސަރަހައްދު ކުލަބޮތްކާއި ގިނޑިގެތަކުން ޒީނަތްތެރިކޮށްފައެވެ.
ފިތުރު ޢީދަށް މާލެ ޒީނަތްތެރިކުރުމުގެ ހަރަކާތުގައި ގިނަ މުއައްސަސާތަކަކުން ވަނީ ބައިވެރިވެފައެވެ. އަދި ހަވާއެރުވުމާއެކު ގިނަ ކުޅިވަރުތަކެއްވެސް އިންތިޒާމްކޮށްފައިވެއެވެ. އޭގެތެރޭގައި މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މާލެ ސަރަހައްދުގައި އަދި އެޗްޑީސީގެ އިސްނެގުމުގެ މަތިން ހުޅުމާޅޭގައި ވަނީ ކުލަގަދަކޮށް ޢީދު ފާހަގަކޮށްފައެވެ.
އަދި މި އަޞްހާ ޢީދުގައި ވެސް އެޗްޑީސީ އާއި މައި ހުޅުމާލެ ގުޅިގެން ވަނީ ހުޅުމާލޭގައި ފޯރިގަދަ ގިނަ ކުޅިވަރުތަކެއް ބޭއްވުމަށް ނިންމާފައެވެ.
މި އަހަރުގެ އަޞްހާ ޢީދު ދުވަހަކީ ޖޫން 16 ވާ އާދިއްތަ ދުވަހެވެ. މިއަހަރުގެ އަޞްހާ ޢީދު ދުވަހާއި ގުޅުވައިގެން ރައީސް ވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަކީވެސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އެހެންކަމުން ހަފްތާ ބަންދާއެކު މިއަހަރު ބޮޑު ޢީދު ބަންދަށް ޖުމްލަ 9 ދުވަސް ލިބޭނެއެވެ.